ދުނިޔެ

ލަންކާ ނަރުހުން ސުލްހަވެރި މުޒާހަރާއެއް ކޮށްފި

ސްރީލަންކާގެ ހޮސްޕިޓަލުތަކުގެ ނަރުހުން އިއްޔެ އެ ގައުމުގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ބޭރުގައި ސުލްހަވެރި މުޒާހަރާއެއް ކޮށްފި އެވެ.

ސަންޑޭ ޓައިމްސް ނޫހުން ބުނީ މެންދުރުގެ ކެއުމަށް ލިބުނު ހުސް ވަގުތުގައި ކުރި އެމުޒާހަރާއަކީ "އޯލް އައިލެންޑް ނާސަސް ޔޫނިއަން" އިން އިންތިޒާމްކޮށްގެން ކުރި މުޒާހަރާއެއް ކަމަށެވެ. މުޒާހަރާގައި ނަރުހުން ލަންކާ ސަރުކާރަށް ގޮވާލާފައި ވަނީ އެމީހުންގެ މުސާރަ ރަނގަޅު ކޮށްދިނުމަށް ފިޔަވަޅުތައް އަޅައިދިނުމަށާއި އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމަށެވެ.

ލަންކާގެ ނަރުހުންގެ ދެ ޔޫނިއަން އަކުން ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު ވެސް އެ ގައުމުގައި ހަޅުތާލެއް ކުރިއެވެ. އެފަހަރުގެ ހަޅުތާލު އިންތިޒާމް ކުރީ "ޕަބްލިކް ސާވިސަސް ޔުނައިޓެޑް ނާސަސް އެސޯސިއޭޝަން" ނަމަކަށް ކިޔާ ޔޫނިއަންއަކުންނެވެ.

އިއްޔެގެ މުޒާހަރާ އިންތިޒާމް ކުރި އޯލް އައިލެންޑް ނާސަސް ޔޫނިއަންއާއި ގަވަމެންޓް ނާސަސް އެސޯސިއޭޝަނުން އެފަހަރުގެ ހަޅުތާލާ ދެކޮޅު ހެދިއެވެ.

އޭރު ކުރި ހަޅުތާލު ނިންމާލައި ނަރުހުން މަސައްކަތަށް ނުކުތީ އޭރު ފެތުރެމުން ދިޔަ ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރުވުމުންނެވެ. މިމަހުގެ 14 ވަނަ ދުވަހު އެ ހަޅުތާލު ނިންމައިލި އިރު ލަންކާގައި 400 މީހަކަށް ސްވައިން ފްލޫ ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ.

އިއްޔެގެ މުޒާހަރާގައި ބައިވެރިވި ނަރުހުން ކުރި ކަމަކީ އެމީހުން އެދޭ ކަންތައްތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ހޮސްޕިޓަލްތަކުގެ ބޭރުގައި މަޑުކޮށްލައިގެން ތިބުމެވެ.