އިތުބާރު ނެތް ކަމުގެ މައްސަލަ

"އިދިކޮޅަށް އެއްގަލަކަށް ނޭރޭނެ، އެއްބަސްވުން ދާނީ ފަނުފުލުން"

  • މާދަމާ ޕީޕީއެމްގެ ޕީޖީ ގްރޫޕް ދައްކާލާނެ
  • ވޯޓް ކާމިޔާބު ކުރާނީ ސާފު އަޣުލަބިއްޔަތުން
  • އިދިކޮޅުން ވެސް މަސީހާ އެއްކޮޅަށް ވޯޓް ދޭނެ

އިދިކޮޅު ފަރާތްތައް ގުޅިގެން އެކުލަވައިލާ މިރޭ އާންމު ކުރި އެއްބަސްވުމަކީ ސިޔާސީ ގޮތުން ވަގުތީ މަންފާއެއް ހޯދަންވި އެއްބަސްވުމެއް ކަމަށާއި ވަރަށް އަވަހަށް އެ ހުރިހާ ބޭފުޅުން ވެސް ރޫޅި، އެއްބަސްވުން ފަނުފުލުން ދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫން އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުގެ އެއްވެސް ހައްގެން ނޯންނާނެ ކަމަށާއި މިހާރު ޕީޕީއެމްގެ ނަމުގައި އެއްބަސްވުމަކަށް އާދެވޭނީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއަކީ ޕީޕީއެމް ތަމްސީލު ކުރެއްވުމަށް އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރައީސް ނަޝީދާ ގުޅިވަޑައިގެން ރައީސް މައުމޫން ކުރައްވާ މަސައްކަތަކީ ސިޔާސީ ގޮތުން ވަގުތީ މަންފާއެއް ހޯއްދަވަން ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް އެއީ އެކުގައި މަސައްކަތް ކުރެވޭނެ ދެ ބޭފުޅުންނެއް ނޫން ކަމަށެވެ އަދި ދާދި އަވަހަށް އެ އެއްބަސްވުން އޮތްތާ އޮވެފައި އެ ސޮއި ކުރެއްވި ފަރާތްތައް ބައިބައިވާނެ އެކި ދިމާއަށް މޫނު ލައްވާނެ ކަމަށެވެ.

"މައުމޫންއާ ނަޝީދު އެއްބަސްވުމަކަށް އައީމަ ރައްޔިތުން އެބަ ޖެހޭ ވިސްނާލަން މިކަން ދެމި އޮންނާނެތޯ. އެއީ އެދެބޭފުޅުންނަކީ ވަރަށް ވާދަވެރި އަދި އެކަކު އަނެކަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދެ ބޭފުޅުން. އެހެންވެ މިއީ ވަގުތީ މަންފާއެއް ހޯދުމަށް އެ ދެ ބޭފުޅުން ކުރާ ކަމެއް. ފަހުން އެ ރޫޅޭނެ އަދި އެ އެއްބަސްވުމައިގެން ދެ ބޭފުޅުންނަށް ކުރިޔަށް ނުދެވޭނެ. އޭގެން ނަތީޖާއެއް ވެސް ނުނިކުންނާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ މައްސަލައާ ގުޅިގެން އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕް އޮތީ ރައީސް ޔާމީނާއެކު ވަރަށް ސާބިތު ކަމައެކުގައި ކަމަށާއި ސަރުކާރަށް ލޮޅުން އަރާ ފަދަ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ 27 ވަނަ ދުވަހު ނަގާ ވޯޓު ވަރަށް ސާފު އަގުލަބިއްޔަތުން ތަފާތު ބޮޑުކޮަށް ކާމިޔާބު ކުރައްވާނެ ކަމަށާއި އެ ދުވަހު އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް މަސީހާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެހާ ހިސާބުން އިދިކޮޅު ފަރާތްތައް ގާއިމް ކުރި އެއްބަސްވުން ފަނުފުލުން ދާން ފަށާނެ ކަމަށް ވެސް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު އެ ވިދާޅުވަނީ 27 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވަންނާނީ އަގުލަބިއްޔަތާއެކު ކަމަށް. ނަމަވެސް ދަންނަވަންތޯ އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގްރޫޕްއެކީގައި ރައްޔިތުންނަށް ދައްކާލަން މާދަމާ ނިކުންނާނަން. އަދި އަގުލަބިއްޔަތާއެކު ނިކުންނަވާނީ ރައީސް ޔާމީންއާ އެކުގައި ތިއްބެވި މެންބަރުން ކަން ޔަގީން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދު ރަޙިމް ވިދާޅުވީ 27 ވަނަ ދުވަހުގެ ޖަލްސާއަށް ފަހު އިދިކޮޅު ފަރާތްތައް ވިއްސި ވިހާލިވެގެން ދާނެ ކަމަށާއި އެކަން އިދިކޮޅު ފަރާތްތަކަށް މިހާރުވެސް އެނގިވަޑައިންނަވާ ކަމަށެވެ. ނަމަވެސް ކާމިޔާބު ކުރާނެ ކަމަށް އެ ވިދާޅުވަނީ އެ ބޭފުޅުން ފުރަތަމަ ފަހަރަށް އެއްބަހެއް ކިޔުމުން ރައީސް ޔާމީންއަށް ތާއީދު ކުރާ މެންބަރުންގެ ހިޔާލު ބަދަލު ވެދާނެ ކަމަށް ހީކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަޕޯޓަރުން އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތް. މިއީ ފެން ތައްޓެއް ބޯލާހާ ފަސޭހަ ކަމެއް. އެހެންވެ ހާސް ނުވޭ. ކާމިޔާބު ކުރާނަން،" އަބްދު ރަހީމް ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތުގެ ރައީސް އިމްރާން ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން މިރޭ ވަނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

އިދިކޮޅު ޕާޓީގެ ހަތަރު ލީޑަރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ އެ ފަރާތްތަކުގެ މެދުގައި ކުރެވޭ މަޝްވަރާތްތަކަށް ބިނާކޮަށްގެން ރައްޔިތުން މަޖިލީހުގެ ތެރެއިންނާއި ސިޔާސީ މަސްރަހުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގުޅިގެން އެކުގައި ކުރާނެ ކަމަށެވެ.