ހަބަރު

އިގްތިސޯދީ އިންގިލާބު ގެނެވޭނީ އޭޝިޔާގެ ގައުމުތަކަށް އެހީވެގެން: ޗައިނާ

(ޗައިނާގެ ހައިނާން އިން: އާމިނަތު އިބުރާހިމް) -- އިގްތިސޯދީ ނާރެހުގައި ދުނިޔެއަށް ކުރި ހޯދޭނީ އޭޝިއާގެ ގައުމުތަކުގެ މާލީ ހާލަތަށް ބަދަލު ގެނެސްގެން ކަމަށާއި، އެ ބަދަލު ގެންނަން ފަށާފައިވާ މަސައްކަތުގައި ފަގީރު، އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ މުގުލުގައި ތަރައްގީ ވެފައިވާ ގައުމުތަކުން ތިބުމަށް ޗައިނާގެ ވައިސް ޕްރިމިއާ ޒަން ގައޮލީ ގޮވާލައްވައިފި އެވެ.

ވައިސް ޕްރިމިއާ ޒަން މިހެން ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގެ އިގްތިސޯދަށް އަންނަ ބަދަލުތަކާމެދު ބަހުސް ކުރުމަށް ހައިނާންގެ "ބޯއާއޮ" ގައި މިހާރު ކުރިއަށްދާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. ސަރަހައްދީ ގައުމުތަކާއެކު އިގްތިސޯދަށް "އިންގިލާބެއް" ގެންނަން ޗައިނާ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެކުނު އަދި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގެ ރައީސުންނާއި، މެދު އިރުމައްޗާއި އެފްރިކާގެ ބައެއް ގައުމުތަކުން އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޒަން ވަނީ ގުޅިފައިވާ އިގްތިސޯދަކަށް މަރުހަބާ ކިޔަން ގައުމުތަކަށް ގޮވާލައްވާފަ އެވެ. ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމަށް އިންވެސްޓް ކުރުމާއި އިންވެސްޓަރުންނަށް ފުރުސަތު ދިނުމަކީ މިއަދުގެ ހަގީގަތްކަން ގަބޫލު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭޝިއާގެ ގައުމުތަކުން މިހާރުވެސް އަންނަނީ އިގްތިސޯދީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކުރަމުން. ދުނިޔޭގެ އިގްތިސޯދުގެ ބޮޑު ބައެއް އޭޝިއާގެ ގައުމުތަކުން މިހާރުވެސް ހިއްސާކުރާއިރު، ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިގްތިސޯދީ ދޮރުތައް ހުޅުވައިލުމުން ގައުމަށް ވަންނަ ބޭރުގެ ނުފޫޒު. އެ ކަންބޮޑުވުން އޮންނަން ވެސް ޖެހޭ. ޗައިނާއިން މިހާރު މަސައްކަތް ކުރަނީ ސަރަހައްދީ ގައުމުތަކާއެކު މައްސަލަތަކަށް ހައްލު ހޯދާނެ އެންމެ ރަނގަޅު ގޮތް ހޯދަން،" ޒޯން ވިދާޅުވި އެވެ.

އިގްތިސޯދީ މައިދާނަށް އިންގިލާބީ ބަދަލެއް ގެންނަން އެކި ގޮތްގޮތުން ކުރާ މަސައްކަތްތައް ކާމިޔާބު ކުރެވޭނީ ތަރައްގީވެފައިވާ ގައުމުތަކުގެ ތަރައްގީ ދަމަހައްޓަން ކުރާ މަސައްކަތާ އެއްވަރަށް ފަގީރު ގައުމުތަކަށް އިގްތިސޯދީ ވަޅުގަނޑުތަކުން އަރައިގަންނަން އެހީވެދީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް އުސްމިންތަކަށް ވާސިލު ވެވޭނެ ދޮރު ހުޅުވައިދީގެން ކަމަށް ވެސް ޒޯން ވިދާޅުވި އެވެ.

"އަހަރެމެން މިއަދު މިތިބީ އިންގިލާބީ ބަދަލެއްގެ ތުންފަތް މަތީގައި. ވީމާ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތައް އަންގައިދޭން ޖެހޭ. މިނިވަން ވިޔަފާރީގެ ނަފާ އާއި ފައިދާއަށް ދަހިވެތިވާން ޖެހޭ. އިގްތިސޯދު ވަރުގަދަ ކުރަން އާ ޓެކްނޮލޮޖީ އާއި އާ އީޖާދުތައް އުފައްދަން އިސްކަންދޭން ޖެހޭ. ތަފާތުތައް އެއްފަރާތްކޮށް ދޭދޭ މައްސަލަތަކަށް ހައްލު ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،" ޒަން ވިދާޅުވި އެވެ.

އޭނާވަނީ ދުނިޔޭގެ އިގްތިސޯދަށް އެރި ލޮޅުމުގައި ވެސް ހަމަ މިނެއްގައި ހިފެހެއްޓިފައިވާ ޗައިނާގެ އިގްތިސޯދަށް ތައުރީފު ކުރައްވާފަ އެވެ. ދުނިޔޭގެ އިގްތިސޯދަށް އެރި ލޮޅުމާ އެކުވެސް 2016 ވަނަ އަހަރު އެ ގައުމުގެ ޖީޑީޕީ 6.7 ޕަސެންޓް އިތުރުވެފައިވާކަން ޒަން ފާހަގަ ކުރެއްވި އެވެ.

"އިގްތިސޯދު ހަމަ މިނެއްގައި ދަމަހައްޓަން ކުރާ މަސައްކަތުގައި ޗައިނާ ދެމި އޮންނާނެ. އިސްލާހީ ބަދަލު ޕްރޮމޯޓް ކޮށް، އިގްތިސޯދީ ޗާޓު ފެހި ރޮނގުގައި ދަމަހައްޓައި ދުޅަހެޔޮ ތަރައްގީއަކަށް ކުރާ މަސައްކަތް މިއަހަރުވެސް ޔަގީން ކުރާނަން،" ވައިސް ޕްރިމިއާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.