ޕީޕީއެމް

އަމީތު ޕީޕީއެމުން ވަކިކޮށްފި

Mar 28, 2017
4

ޕީޕީއެމްގެ މެންބަރު ކަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަކި ކޮށްފި އެވެ.

އަމީތު ވަކިކޮށް ޕީޕީއެމުން ސްލޫކީ ކޮމެޓީން ބުނީ އަމީތުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ފަހު ކޮމެޓީގެ ފަސް މެންބަރުންގެ އިއްތިފާގުން އަމީތު ޕާޓީއިން ވަކި ކުރަން ނިންމައި އެކަން އަންގާފައިވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮ، އަމީތު ވަކި ކުރި އިރު އިއްޔެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ޕީޕީއެމްއިން ނެރުނު ތްރީ ލައިން ވިޕާ އަމީތު ވަނީ ހިލާފުވެ ވަޑައިގެންފަ އެވެ. އަމީތު ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ބައިވެރިވަޑައިނުގަން މަޖިލިސް ދޫކުރައްވާ ނިކުމެވަޑައިގެންފަ އެވެ.

ސްލޫކީ ކޮމެޓީން އަމީތުގެ މައްސަލަ ބެލުމަށް ފަހު އަމީތު ވަކި ކުރުމުގެ ކުރިން އޭނާ ވަނީ މިއަދު ސުލޫކީ ކޮމެޓީގެ ސައްހަ ކަމާދު ސުވާލު އުފައްދާ އޭނާ ވަކި ކޮށްފިނަމަ އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ސުލޫކީ ކޮމެޓީއަށް ވެސް ވަޑައިގެންނެވި އެވެ.

މިއަދު އަމީތު ވަކި ކުރި އިރު ރޭ ވަނީ އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން ވެސް ޕާޓީން ވަކިކޮށްފަ އެވެ. އަދި އޭގެ ކުރިން ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބުރާހިމް ވެސް ޕާޓީން ވަކިކޮށްފަ އެވެ.