ހަބަރު

ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ދައުވާކޮށްފި

މިހާރު ވެސް ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުރު ޓެރަރިޒަމްގެ ދައުވާއެއް އުފުލައިފި އެވެ. ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނަވަނިކޮށް، 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރު ކުރި މައްސަލާގަ އެވެ.

ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ މެންބަރަކަށް ހުންނެވި އިރު، 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެމަނިކުފާނު ހައްޔަރުކޮށް، ނުވަ ދުވަސް ވަންދެން ކ. އާރަށުގައި ވަނީ ބަހައްޓައިފަ އެވެ. އެންމެ ފަހުން އެމަނިކުފާނު ދޫކޮށްލީ، ގަވާއިދާ ހިލާފަށް އެ މަނިކުފާނު ހައްޔަރު ކުރި ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

އެ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު މާދަމާ މެންދުރުފަހު 1:30 އަށް މައްސަލާގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ.

ހަމަ މި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ފަށާފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައްޔަރުކޮށް އެކަހެރި ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެހެން ނަމަވެސް ނަޝީދު ވަނީ ބޭސްފަރުވާއަކަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގަތް ގޮތަށް އެގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ.