ހަބަރު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް މިއަދު އިއްވި ހުކުމުން ޝަރުއީ ދާއިރާއަށް ކުރަމުން އަންނަ އުއްމީދުތައް އާވެގެން ގޮސްފައިވާ ކަމަށް އޭނާގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ ހަސީން މިއަދު ކުރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޝަރީއަތުން އިއްވާ ހުކުމްތަކަށް އަބަދުވެސް އިހުތިރާމް ކުރާ ކަމަށާއި މިއަދު ވިސާމްގެ މައްޗަށް އިއްވި ހުކުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށެވެ. އަދި ޝަރުއީ ދާއިރާއާމެދު ދެކޭ އުއްމީދުތައް އާވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޝަރީއަތުން ކުރާ ހުކުމްތަކަށް އަބަދުވެސް އިހުތިރާމް ކުރަން، އަޅުގަނޑުމެން ޝަރީއަތާ ދޭތެރޭ އެއްވެސް ހާލެއްގައި އުއްމީދު ކަނޑައެއް ނުލަމޭ، މިހާރު އެކި ދިމަދިމާލުން އުއްމީދުތައް އާލަވަމުންދާ ދުވަސްވަރެއް މި، އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޝަރުއީ ދާއިރާއާ ދޭތެރޭ ވެސް ތަފާތު ފަރާތްތަކުން ތަފާތު ގޮތްތަކަށް ވާހަކަ ދެއްކި ނަމަވެސް މި ދާއިރާއާ މެދު އަޅުގަނޑުމެންގެ އުއްމީދު އާވެގެން ދިޔަ ހުކުމެއް ކަމަށް އަޅުގަނޑު ފާހަގަކުރަނީ،" ހަސީން ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވަނީ ވިސާމްގެ ސާބިތު ނުވި ކުށް އެ މައްސަލާގައި ސާބިތުވެފަ އެވެ. ޒަރީރުގެ މައްޗަށް ކުށް ސާބިތު ކުރުމުގައި އެންމެ ބޮޑު އަސާސެއް ކަމަށް ބަލާފައިވަނީ ދައުލަތުން ހުށަހެޅި ވީޑިއޯ އެވެ.

ވިސާމްގެ މައްސަލާގައި ވެސް ހަމަ އެ ވީޑިއޯ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި، މިއަދު ވިސާމްގެ މައްޗަށް ކުށް ސާބިތުނުވީ އެ ވީޑިއޯގެ ސައްހަކަން ނެތް ކަމަށް ގާޒީ ކަނޑައެޅުމުންނެވެ. ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި އެ ވީޑިއޯ ނެގި ދުވަހެއް ވެސް ނޭނގޭ ކަމަށާއި ވީޑިއޯއިން ވިސާމް ހައްޔަރު ކުރާ މަންޒަރު ނުފެންނަ ކަމަށާއި ވީޑިއޯ ހުރީ ބައި ބަޔަށް ކަމަށެވެ. އަދި ނޫސްވެރިން ބެރިކޭޑް ތެރެއަށް ވަނުމަށް ފުލުހުން ގޮވަމުންދާ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށާއި އެހެންކަމުން ނޫސްވެރިން ބެރިކޭޑް އެތެރޭގައި ތިބުމަކީ ފުލުހުންނަށް ދަތިކުރުން ނޫން ކަމަށެވެ. އެއީ ފުލުހުންގެ އެންގުމަށް ތަބާވުން ކަމަށެވެ.

އާދަމް ޒަރީރުގެ މައްޗަށް ކުށް ސާބިތުކޮށް ޖޫރިމަނާކުރި މައްސަލަ މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގައި ވެސް ވަކާލާތު ކުރައްވާ ހަސީން ވިދާޅުވީ، މިއަދު ވިސާމްގެ މައްޗަށް އިއްވި ހުކުމާއެކު އެ މައްސަލައާމެދު ވެސް ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަަމަށެވެ.