ޓޫރިޒަމް

ޓޫރިޒަމް ޕްރޮމޯޓް ކުރަން ވޯކިން ގްރޫޕެއް އެކުލަވާލައިފި

Mar 30, 2017

ރާއްޖެ އާއި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް އިސްތިހާރު ކުރަން ކުރިމަގުގައި ކުރާނެ ކަންކަމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގެ ހަރަކާތްތަކާ ގުޅޭ ވޯކިން ގްރޫޕެއް އެކުލަވާލައިފި އެވެ.

ފުރަތަމަ ފަހަރަށް މި ފަދަ ވޯކިން ގްރޫޕެއް އެކުލަވައިލީ ރާއްޖޭގައި އާ ރިސޯޓްތައް ހުޅުވިގެން ދާތީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިސްވެ ހުންނަވައި ބޭއްވި ބައްދަލުވުމުގެ މަޝްވަރާތަކަށް ފަހު އެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި މަޓީން އެއް މޭޒު ދޮށުގައި ބޭއްވި މަޝްވަރާތަކުގައި ކުރު އަދި ދިގު މުއްދަތުގައި ޓޫރިޒަމް އިސްތިހާރު ކުރުމަށް ކުރިޔަށް ރާވާ ހިންގާނެ ކަންކަމާމެދު ފުޅާކޮށް މަޝްވަރާކޮށް ހިޔާލުތައް ހޯދާފައިވާ ކަމަށެވެ.

"ފަތުރުވެރިކަމާ ގުޅޭ އެކިއެކި ފެއާތަކުގައި ރާއްޖެއިން ބައިވެރިވުމުގެ އިތުރުން ކުރިޔަށް އޮތް ތާނގައި ޓޫރިޒަމް އިސްތިހާރު ކުރުމަށްޓަކައި ހިންގާނެ ހަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ޓޫރިޒަމާއި އެމްއެމްޕީއާރްސީ އާއި މަޓީ ހިމެނޭ ގޮތަށް ވަނީ ވޯކިން ގްރޫޕެއް އެކުލަވާލާފަ އެވެ،" މިނިސްޓްރީން މިއަދު އާންމު ކުރި އެޑިޓާސް ނޯޓެއްގައި ބުނެފައި ވެއެވެ.

ރާއްޖެ އާއި ޓޫރިޒަމް ޕްރޮމޯޓްކޮށް އިސްތިހާރު ކުރުމަށް ބޭރުގެ ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ވަކި ވަކި ގައުމުތަކާއި ވަކިވަކި މާކެޓްތަކަށް އަމާޒުކޮށް ހަރަކާތްތައް ހިންގަ އެވެ.