ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެ ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ދެ ބޭފުޅުން ވަކިކުރަން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެ، 75 މެމްބަރުންގެ ތެރެއިން 53 މެމްބަރަކު އެ ދެބޭފުޅުން ވަކި ކުރަން ވޯޓު ދެއްވުމުންނެވެ. އަދި އެކަމާ ދެކޮޅަށް 21 މެމްބަރަކު ށް ވޯޓު ދެއްވި އިރު އެއް ބޭފުޅަކު އެއްވެސް ކޮޅަކަށް ނުޖެހި އިންނެވި އެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި، ތިން ބައިކުޅަ ދެބައިގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުގެ މަތިން ރައީސް އެ ބިލް ތަސްދީގު ކުރައްވާތާ ތިން ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަކި ކުރާނެ ދެ ފަނޑިޔާރެއް ކަނޑައަޅައި އެ ނަން މަޖިލީހުގެ ޖަލްސާއަށް ފޮނުވަން ޖެހެ އެވެ.