ލައިފްސްޓައިލް

ބޮޑު ގަތުލުއާންމުގެ ހަނދާން!

(ޖަރުމަންގެ، ބާލިން އިން: މުހައްމަދު އަފްރާހު) -- ސަރާސަރު ފެތުރިފައިވާ ސަރަހައްދުން ފެންނަނީ ކޮންކްރީޓް ބްލޮކް ތަކެވެ. މިހާރު މި ތަނަށް އަންނަ މީހުންގެ އާއްމު ކަމަކީ ސެލްފީ ނެގުމެވެ. އެކަމަކު މިތަނުގެ ހަނދާންތައް ސެލްފީ އަށް ވުރެ ފުނެވެ. އަސަރު ގަދަ އެވެ. މިތަން ރަމްޒުކޮށްދޭ ހާދިސާތައް ވޭން ގަދަވެފައި "ހޫނުކަން" ވެސް އެހާ ގަދަވާނެ އެވެ. މި ތަނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ އެންމެ ބޮޑު އެއް ހަނދާނެވެ. އެޑޮލްފް ހިޓްލަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް ހިންގި ގަތުލުއާންމުގެ ހަނދާންތައް މިތަނުން ރަމްޒުކޮށްދެ އެވެ. މިއީ ޖަރުމަނުގެ ވެރިރަށް ބާލިންގައި ހުންނަ މަޝްހޫރު "ހޮލޮކާސްޓް މެމޯރިއަލް" އެވެ.

ހޮލޮކާސްޓް މެމޯރިއަލް ހުންނަނީ ހިޓްލަރުގެ އަމިއްލަ އަށް މަރުވި، "ފިއުރޯ ބަންކަރު" އާ އިން ވެގެނެވެ. ބާލިންގެ، ކޯރާބާލިނާ މަގުގައި ހުންނަ މިތަން ރަމްޒުކޮށްދެނީ ޔޫރަޕުގެ ވަކި ނަސްލެއްގެ ބަޔަކު މެރުމަށް ހިޓްލަރު ހިނގި، ގަތުލު އާއްމުގެ ވާހަކަ ތަކެވެ. ޖަރުމަނަށް ދާ ގިނަ މީހުން މިތަން ބަލަން ދަނީ އެހެންވެ އެވެ. ނަމަވެސް މި ތަން ދާރުލްއާސާރެއްގެ ގޮތުގައި ހަދައި، ހުޅުވާފައިވަނީ 2005 ވަނަ އަހަރު އެވެ. އެމެރިކާގެ އިމާރާތް ފަރުމާ ކުރުންތެރިއެއް ކަމަށްވާ ޕީޓާއެއިސްމަން އާއި އިނޖިނޭރު ބޫލޯ ހަންލޮޑްގެ މަސައްކަތުން މި ތަން ހަދާފައިވާ ކޮންކްރީޓް ބްލޮކަކުން ރަމްޒުކޮށް ދެނީ ގަތުރު އާއްމުގައި މަރާލާފައިވާ މީހުންގެ ހަނދާން ތަކެވެ.

މި ދާރުލްއާސާރު ހަދާފައިވަނީ އެކި ވަރުގެ ބްލޮކްތައް ހިމެނޭ ގޮތަށެވެ. މި ތަނުގެ ބްލޮކްތައް 4.7 އޭކަރުގެ ސަރަހައްދަކަށް ފަތުރާލާފައިވާއިރު، އެކި ބްލޮކްތަކުގެ ސައިޒުތައް ވެސް ތަފާތެވެ. މީގެން ރަމްޒުކޮށްދެނީ މި ގަތުލް އާއްމުގައި މަރާފައިވާ އެކި ފަންތީގެ ކުދި ބޮޑު މީހުން ހަނދާން ތަނެވެ. މި ގަތުލްއާއްމުގައި އެކި ނަސްލުތަކުގެ މީހުން ހިމެނޭއިރު ގިނައިން ހިމެނެނީ ޔަހޫދީން އެވެ. މި ތަނުގައި މިގޮތުން ގާތްގަނޑަކަށް 2،711 ކޮންކްރީޓް ބްލޮކް ހުރެ އެވެ.

ހޮލޮކާސްޓް މިއުޒިމްއަކީ މިހާރު ބާލިންގެ އެންމެ ތާރީހީ އެއް އެއް ތަނެވެ. އެގޮތުން މި ތަނަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ޓޫރިސްޓުން ޒިޔާރަތް ކުރާއިރު، ޒަމާނަށް އައި ބަދަލާއެކު މި ތަނަށް އަންނަ ކޮންމެ މީހަކު ވެސް މީގެ ބްލޮކެއްގެ މައްޗަށް އަރައި ނޫނީ ދެ ބްލޮކް ދޭތެރޭގައި ހުރެގެން ނަމަވެސް ސެލްފީއެއް ނެގޭތޯ ބަލަ އެވެ. ނަމަވެސް މި ތަނުން ކިޔައިދޭ ވާހަކަ މާބޮޑަށްވެސް ވޭންގަދަ އެވެ. މުޅި ޔޫރަޕުން ގާތްގަނޑަކަށް ތިން މިލިއަނެއްހާ މީހުންނަށް އެކި ބާވަތްތަކުގެ އަނިޔާތައް ކޮށް މެރި ހަނދާތައް އާކޮށްދޭ ދާރުލްއާސާރަކީ މިއީ އެވެ.