ވިޔަފާރި

ރޯދައަށް މުދާ ނެގޭ ޕްރޮމޯޝަން އިސްލާމިކް ބޭންކުން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުން ރޯދަ މަހާ ދިމާކޮށް ރޯދަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ގެ ދަށުން އެ ބޭންކުގެ ޕާޓްނާ ކުންފުނިތަކުގެ މުއައްޒަފުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޭންކު މެދުވެރިކޮށް މުދާ ނެގޭނެ ގޮތްތަކެއް ވަނީ ހަމަޖައްސާފަ އެވެ.

ރޯދަ ޕްރޮމޯޝަން ހުޅުވައިލުމަށް މިއަދު ސަންފްރޮންޓް ގައި މޯލްޑިވްސް އިސްލާމިކް ބޭންކުންބޭއްވި ހަފްލާގައި ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ އަންނަ ރޯދައަށް ހާއްސަ މިޕްރޮމޯޝަންގެ ދަށުން އެ ބޭންކުގެ ޕާޓްނާ ކުންފުނިތަކުގެ ކޮންމެ މުއައްޒަފަކަށް ޖުމްލަ ދެލައްކަ ރުފިޔާގެ މުދާ ނެގޭނެ ކަމށެވެ. އަދި އެހެން އަހަރު ތަކާއި ހިލާފަށް ބޭންކު މެދުވެރިކޮށް ނަގާ މުދަލުގެ އަގު ދެއްކުމުގެ މުއްދަތު 18 މަހުން ތިން އަހަރަށް އިތުރުކޮށްދީފައިވާނެ ކަމަށެވެ.

މިއަދުން ފެށިގެން މޭ މަހުގެ 31 އާ ހަމައަށް އޮންނަ މި ޕްރޮމޯޝަނަށް ބޭންކުގެ ޕާޓްނާ ކުންފުނިތަކުގެ މުއައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޕްރޮމޯޝަން ގައި ބައިވެރި ވުމަށް އެދޭ ފޯމު މާލެގެ އިތުރުން ހުޅުމާލެ އާއި އައްޑޫ އާއި ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހުންނަ އިސްލާމިކް ބޭންކުގެ ބްރާންޗްތަކުން ލިބޭނެ އެވެ.