ހަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލަ އާއި ތިން ވަޒަނުގެ އިތުރުން މެގަޒިނެއް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާގެ ހުކުމް އިއްވުމަށް މިރޭ ބޭއްވި މަޖިލީހުގައި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ރާއްޖެއަކީ ފިސްތޯލަ އާއި ވަޒަން އުފައްދާ ގެންގުޅޭ ގައުމަކަށް ނުވާއިރު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ވަޒަންތައް ލިބުނީ ކޮން ގޮތަކުން ކަން ނާޒިމަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށެވެ. އެހެންވެ އެ ހަތިޔާރުތަކަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.

އެހެންވެ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުން ނާޒިމް ކުށްވެރިވާ ކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުން ރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނާޒިމް 11 އަހަރަށް ޖަލަށްލުމަށް އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުކުމް އިއްވުމުގެ ކުރިން ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން އިއްވަވަމުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ ބާރީ ވިދާޅުވީ އެ ހަތިޔާރުތައް ފެނުނީ ނާޒިމާއި އޭނާގެ އަންހެނުންގެ ކޮޓަރިން ކަމަށްވާއިރު ނާޒިމްގެ އަންހެނުންގެ މައްޗަށް އެ މައްސަލައިގައި ދައުވާ ނުކުރުމަކީ ނާޒިމް އެ ކުށުން ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެ އެޕާޓްމެންޓް ފާސް ކުރަން ކޯޓު އަމުރު ހޯދުމުގަޔާއި އެތަން ފާސް ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ބާރީ ވިދާޅުވި ގޮތުގައި އެ ދައުވާގެ ދިފާއުގައި ނާޒިމްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ސިފައިންގެއިން ފިސްތޯލައެއް ގެއްލުނު ކަމަށް ބުނާ ހެއްކަކު ހިމެނޭތީ އެކަން އެމްއެންޑީއެފުން ސާފު ކުރުމުން އެއްވެސް ފިސްތޯލައެއް ނުގެއްލޭ ކަމަށް އެމްއެންޑީއެފުން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ހެކި އުފައްދަން ނާޒިމް މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދިފާއުގައި ގިނަ އަދަދެއްގެ ހެކިން ހުށަހެޅި ނަމަވެސް ގިނަ ހެކިން ހާޒިރު ނުކުރީ އެ ހެކިންގެ ފަރާތުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަފީ ނުކުރެވޭނެތީ އާއި ބައެއް ހެކިން ހުށަހަޅާފައިވަނީ މައްސަލައިގެ މައުޟޫއުއިން ބޭރު ކަންތައްތަކެއް ސާބިތުކުރަން ކަމަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ހަތް މީހަކު ހާޒިރުކޮށް ހެކިބަސް ނަގާފައިވާ ކަމަށް ގާޒީ ވިދާޅުވި ނަމަވެސް ދިފާއީ ހެކިންގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ހަތަރު މީހެކެވެ.

ހުކުމް އިއްވުމާ އެކު ކޯޓު ރޫމުން ބޭރަށް ނިކުންނަވަމުން އެ ރޫމުގައި ތިބި އާއިލާގެ މެމްބަރުންނަށް ނިސްބަތްކޮށް ނާޒިމް ވިދާޅުވީ "އިންސާފު ލިބޭނެ" ކަމަށާއި އެހެންވެ އާއިލާގެ މެމްބަރުން ކަންބޮޑު ނުވުމަށެވެ. ކޯޓު ރޫމުން ނާޒިމް ނިކުމެ ވަޑައިގަތީ ވެސް ހިނިތުންވެ ވަޑައިގެން ހުންނަވައިގެނެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު މައްސަލައިގައި ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަނީ ވަކިކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި ސަރުކާރުގެ އިސްވެރިންތަކަކަށް ހަމަލާދޭން ނާޒިމް ރާވާފައިވާ ކަމަށް ބުނާ މައުލޫމާތު ހިމެނޭ ޕެން ޑްރައިވެއް އެ ހަތިޔާރުތަކާ އެކު ވަނީ ފެނިފަ އެވެ.