ހަބަރު

މާދަމާ ރޭ 8-10 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

Mar 27, 2015

އާތް އަވާ ފާހަގަ ކުރުމަށް މާދަމާ ރޭ 8:00 އިން 10:00 އަށް ފައިމަގުގައި އުޅެން ޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ ތިމާވެއްޓަށް ހޭލުންތެރި ކުރުމަށް މާދަމާ ރޭ ފާހަގަ ކުރާ އެ ދުވަހާ ދިމާކޮށް ފައިމަގުގައި އުޅެން ހަމަޖެއްސީ އެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ހުއްދަ ދެވިފައިވާ އުޅަދުތައް ފިޔަވައި އެހެން އުޅަނދުތައް އެވަގުތު ދުއްވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ.

އެވަގުތުގެ ތެރޭގައި ވެސް ދުއްވުމުގެ ހުއްދަ ދީފައި ވަނީ ސިފައިންނާއި ފުލުހުންނާއި އެމްބިއުލެންސް ފަދަ އިމެޖެންސީގައި ބޭނުން ކުރާ ވެހިކަލްތަކަށެވެ. މިދިޔަ އަހަރު ވެސް އާތްއަވައާ ދިމާކޮށް ފައިމަގުގައި އުޅޭ ގޮތަށް ޓްރާސްޕޯޓް އޮތޯރިޓީން ހަމަޖެއްސި އެވެ. އަދި ޓެކްސީ ސެންޓަރުންތަކާއި ޕިކަޕް ސެންޓަރުތަކަށް ވެސް ވަކި އަދަދަކަށް އުޅަދުތައް ދުއްވުމުގެ ހުއްދަ ދޭނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ގެންގުޅޭ ވެހިކަލްތަކަށް ވެސް އެ ވަގުތުގައި ދުއްވޭނެ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

އާތްއަވާ އަކީ ދުނިޔެ ހޫނުވާ ދެކޮޅަށް، މުޅި ދުނިޔޭގައި އެއް ވަގުތެެއްގައި ކަރަންޓް ބޭނުން ކުރުން ހުއްޓާލައި، އެކަމަށް އަޑުއުފުލުމަށް ފާހަގަ ކުރާ ވަގުތުކޮޅެކެވެ.