ހަބަރު

ލެބެން ލެބޯރޭޓަރީސްގެ ބޭސް އެތެރެކުރުން މަނާކޮށްފި

Apr 5, 2017

އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ލެެބެން ލެބޮރޭޓަރީސް އިން އުފައްދާ ބޭހުގެ ފެންވަރާއި ގުޅޭ މައްސަލަތައް ތަކުރާރުކޮށް ކުރިމަތިވަމުންދާތީ އެ ކުންފުނިން އުފައްދާ ބޭސް ރާއްޖެ އެތެރެކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މިހާރު ވަނީ ރާއްޖޭގައި ހުރި އެކުންފުނީގެ ބޭސްތައް ރީކޯލް ކުރަން ނިންމާފަ އެވެ. ނޫސްބަޔާނެއް މެދުވެރިކޮށް އެމްއެފްޑީއޭއިން ބުނެފައިވަނީ ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނީގެ އުފެއްދުންތަކުން އެކިފަހަރު މަތިން މައްސަލަތައް ދިމާވުމުގެ ސަބަބުން އެކުންފުނީގެ ބޭސް އެތެރެކޮށް، ވިއްކައި އަދި ބޭނުންކުުރުން މަނާކުރީ ކަމަށެވެ.

ލެބެން ލެބޯރޭޓަރީސް އިން އުފައްދާ ބޭސްތަކަށް ފެންވަރުގެ މައްސަލަތައް ދިމާވާން މެދުވެރިވެފައިވަނީ އެ ކުންފުނީގެ ބޭސް އުފެއްދުމުގެ ފެންވަރު ބަލާ ކަށަވަރު ކުރުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރުމުން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ނުވާ ބޭސް ބޭނުން ކުރުމަކީ ބޭސް ބޭނުންކުރާ ފަރާތްތަކަށް ސިއްހީ މައްސަލަތައް ކުރިމަތި ވުމުގެ ފުރުސަތު ބޮޑު ކަމެކެވެ.