ހަބަރު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ރޭ ދެއްކެވި ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ލައިވްކޮށް ގެނެސްދީފައިވާތީ، އެ މައްސަލަ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނުގެ ދަށުން އުމަރު ވަނީ ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އެ މައްސަލަ ފުލުހުންނަށް ރޭ ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅީ މިނިވަން 50 ގެ ހަރަކާތްތަކާ ގުޅިގެން އެކި މަސައްކަތްތައް ހަވާލު ކުރުމަށް އެންމެ 10 ދުވަހަށް ކުންފުނިތަކެއް ހައްދަވާފައިވާ ކަމަށް ވިދާޅުވެ ފަލާހު، އުމަރު ނަސީރަށް ބޮޑެތި ތުހުމަތެއް ރޭ ކުރެއްވުމާ ގުޅިގެންނެވެ.

މި މައްސަލާގައި މިއަދު އުމަރު ވިދާޅުވީ، އަބުރުގެ ގާނޫނުގެ ދަށުން އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށާއި އޭނާގެ އަބުރާ ބެހުނު ވަގުތު ޓީވީއެމް އަދި ޗެނަލް 13 އިން ވަނީ އެ އިވެންޓް ވަގުތުން ގެނެސްދީފައި ކަމަށެވެ.

އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން މީހެއްގެ އަބުރާ ބެހެވޭ ވާހަކައެއް އެއްވެސް ޓީވީއަކުން ވަގުތުން ދުރަށް ފޮނުވާނަމަ އެ އިވެންޓެއް މެދުކަނޑާލުމަކީ އެ ޓީވީ ޗެނަލަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އުމަރު ވިދާޅުވީ، އަބުރުގެ ގާނޫނުގެ ބޭނުން ހިފެއްޕެވީ އެ ގާނޫނު "ވަކަރަށް ޖަހާލަން" ކަމަށެވެ. އަދި މައްސަލަ ހުށަހަޅަން ނުކުރެނޭ ކަމަށް ފަލާހު ރޭ ވިދާޅުވެފައިވާތީ ކަމަށެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ އަމިއްލައަށް ކުރައްވާފައިވާ ކަންކަމުން ކަރަށް ވެއްޓިފައިވާ މަޅިން ސަލާމަތްވުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިހާރު ސަރުކާރާ ދެކޮޅުވެފައިވަނީ ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާތައް ނުދައްކަވަން ކަމަށެވެ. ހަމައެހެންމެ އުމަރު ނަސީރު ވެސް ސަރުކާރުގައި ހުންނެވިއިރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވައި މިހާރު އެއިން ރެކެން މަސައްކަތް ކުރައްވާ ކަމަށެވެ.

"ދެން ބައްލަވާ އުމަރު ނަސީރު، ވިދާޅެއް ނުވާނެ އެއްޗެކޭ، ތިޔަބޭފުޅުން ބައްލަވާ މިނިވަން 50 ގައި ކުދިކުދި ކުންފުނިތައް ހަދާފައި އެހުރީ 10 ދުވަހަށް 15 ދުވަހަށް، އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެމީހުން މި ދައްކަނީ، އުމަރު އަޅެ ކޯޓަށް ދޭބަލަ އަޅުގަނޑު ގޮވައިގެން، ނުދާނެ ކޯޓަކަށް، ނުދާނެ،" ފަލާހު ވިދާޅުވި އެވެ. "އެކަމަކު ވައްކަން ކޮށްފައި ވަގަށް މި ގޮވަނީ އެހެން މީހުންނާ ދިމާލަށް، މިއީ ވަރަށް ދެރަ ކަމެއް، ވަރަށް ނިކަމެތި ކަމެއް،"

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އޭސީސީން ވަނީ މިނިވަން ފަންސާހުގެ ހަރަދުތަކާ ގުޅިގެން ކުރާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ހޯމް މިނިސްޓްރީއަށް ވަދެފަ އެވެ. އަދި އޭގެ ފަހުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ މިނިވަން 50 ގެ ހަރަކާތްތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލު ކުރިއިރު ޕްރޮކިއުމަންޓު ގަވައިދާ ހިލާފަށް ބައެއް މަސައްކަތްތައް ދޫކޮށްފައި ހުރި ކަމަށާއި މާލިއްޔަތު ގާނޫނާއި ގަވައިދާ ހިލާފަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވެ ވަޑައިގަންނަވާ ފަރާތާތްކަށްވެސް މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.