ހަބަރު

މަސީހުގެ ވޯޓުގައި ކަން ހިނގި ގޮތް އައިޕީޔޫއަށް ސާފުކޮށްދީފި

ރައްޔިތުން މިޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުއަމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ބޭއްވި ޖަލްސާގައި ހިނގި ކަންކަން އިންޓަ ޕާލިމެންޓަރީ ޔޫނިއަން(އައިޕީޔޫ)އަށް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އައިޕީޔޫގެ ސެކެޓަރީ ޖެނަރަލްއާ ބައްދަލު ކުރައްވައި 27ގެ ޖަލްސާގައި ކަންތައްތައް ހިނގާ ދިޔަ ގޮތާއި އެ ކަންތައްތައް ހަމަ މަގަށް އެޅުވުމުގެ ގޮތުން، މަޖިލީހުގެ ގަވާއިދުތައް ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްކޮށްފައިވާ ކަމަށެވެ. އެގޮތުން އޯޑިއޯ އާއި ވީޑިއޯތައް ހުށަހަޅާ އެދުވަހު ކަންތައްވީ ގޮތް އައިޕީޔޫއަށް ސާފުކޮށްދީފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އެސްޖީ ވިދާޅުވި މަޖިލީހުގެ ގަވައިދުތައް ގެއްލުވާލާފައި މެންބަރުން ކުރާ އިހުތިޖާޖު ބަލާ ނުގަންނާނެ ކަމަށް. އެގޮތަށް ވަރަށް ރަނގަޅު މީޓިންތަކެއް ދިޔަ އައިޕީޔޫގެ އެސްޖީއާ އެކީ. ކުރިޔަށް އޮތްތާގައި ވެސް ރާއްޖޭގެ މަޖިލީހުގެ ކަންކަން ރަނގަޅަށް ގެންދިޔުމަށްޓަކައި އައިޕީޔޫއާ ގުޅިގެން މަސައްކަތް ކުރާނެ ވާހަކަ ބުނި،" މޫސަ ވިދާޅުވި އެވެ.

މޫސަ މީހެން ވިދާޅުވި އިރު 27ގެ ޖަލްސާގައި ކަންތައް ހިނގައި ދިޔަ ގޮތުގެ މައްސަލަ ޖުމްހޫރީ ޕާޓީއިން ވެސް ހުށަހަޅާފައިވާނެ ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި ހިނގާއެއްވެސް ކަމަކާ ގުޅޭ މައްސަލައެއް އާސިމް އަކަށް އައިޕީޔޫއަށް ހުށަނޭޅޭނެ ކަމަށާއި އެފަދަ މައްސަލަތައް ހުށަހެޅޭނީ ދާއިރާތައް ތަމްސީލު ކުރާ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމެއް އައިޕީޔޫއިން އަންގާފައި ނުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އައިޕީޔޫއަށް ހުށަހެޅޭ މައްސަލަތައް އެ ޖަމިއްޔާގެ ކޮމިޓީތަކުން ބަލައި އެކަމާ ގުޅޭ ރިޕޯޓުތައް ނެރެ ރަނގަޅު ކުރަންވީ ކަންކަން އަމަލު އަންގަ އެވެ.