ހަބަރު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އިސްތިއުފާދީފި

Mar 28, 2015
1

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި، މުހައްމަދު ދީދީ (މުހައްމައިދީ) ސަރުކާރާ މެދު ހިތްހަމަ ޖެހިވަޑައިނުގެން އޭނާގެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި މުހައްމައިދީ އެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ފަސާދައާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭނާ ނިސްބަތްވާ ޕާޓީ އިން ނިންމާފައިވާތީ އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މި ސަރުކާރަށް އަދާލަތުން ތާއީދު ކުރީ ސަރުކާރު ވަރުގަދަ ކުރުމަށް ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ އަމަލުތައް ހުރީ އެއާ މުޅިން އިދިކޮޅަށް ކަމަށް މުހައްމައިދީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެނުނީ ހުވަފެންތައް ހަގީގަތަކަށް ވުމަށް ވުރެ އަނިޔާވެރިކަން. ނާއުންމީދު ވަނިވި ކަންތައްތަކެއް،" އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ މުހައްމައިދީ ވިދާޅުވި އެވެ.

އޭނާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި ސިލްސިލާ މުޒާހަރާތަކާއި އެއާޕޯޓުން ޖީއެމްއާރު ބޭރުކޮށްލުމަށް ކުރި މުޒާހަރާތަކުގައި މަދަނީ ޖަމްއިއްޔާތަކުގެ އިއްތިހާދުގެ ރައީސްގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށް ސިޔާސީ ދާއިރާއަށް ތައާރަފްވި ބޭފުޅެކެވެ.

ޖެންޑާ މިނިސްޓްރީގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވި ޖެންޑާ މިނިސްޓްރީގެ ނައިބު ސިދާތާ ވެސް ވަނީ ސަރުކާރުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ. އެމްޑީޕީ އަދި އަދާލަތު ޕާޓީއިން ގުޅިގެން އަންނަނީ ކޮންމެ ރެއަކުހެން މާލޭގެ މަގުތަކުގައި މުޒާހަރާތަކެއް ކުރަމުންނެވެ.