ހަބަރު

ރިޝްވަތުގެ ތުހުމަތުކުރާ އަފްރާތުގެ ފޯނު އަތުލުމަށްފަހު ދޫކޮށްލައިފި

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ރިޝްވަތުގެ ފައިސާ ރައްކާކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން މިރޭ ހައްޔަރުކުރި އިބްރާހިމް އަފްރާތު ގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް ނިސްބަތްވާ އަފްރާތު މިރޭ ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ގެ މއ. ގުލްޝަންކިނާރާގެ ފުލުހުން ރޭ ވަނީ ބަލައި ފާސްވެސް ކޮށްފަ އެވެ. އޭނާގެ ގެ ފާސްކޮށްފައި ވަނީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް ފައިސާ ރައްކާކޮށްފައި ހުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އަދި މީގެ އިތުރުން މައުމޫނު ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި މަސައްކަތްކުރައްވާ އަބްދުލްއަލީމަށް އަފްރާތަށް ކުރި ތުހުމަތުކޮށް އޭނާގެ ގެ ކޯޓު އަމުރަކުން ވަނީ ފާސްކޮށްފަ އެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.