ދުނިޔެ

ސަރުކާރަށް ތާއީދު ނުކުރިޔަސް ދޮގު ނުހަދާތި، މަރާލަން ޖެހިދާނެ: ތައިލެންޑުގެ ބޮޑުވަޒީރު

Mar 29, 2015

ތައިލެންޑުގައި ގާއިމުކޮށްފައިވާ އަސްކަރީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް އަމަލުކުރާ ނޫސްވެރިން މަރަން ޖެހިދާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔޫތު ޗާން-އޮޗާ އިންޒާރު ދެއްވައިފި އެވެ.

އަސްކަރިއްޔާގެ ވެރިކަމުގައި ހުންނަވައިގެން ގެނައި ބަޣާވާތަކަށް ފަހު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން ހުންނެވި ޕްރަޔޫތު ކޮންމެ މީހަކު ވެސް ހާމަކުރަންވާނީ ތެދު ކަމަށެވެ. ދޮގު ހަބަރު ފަތުރާ ތަންތަން ބަންދު ކުރުމުގެ ބާރު އެބަ އޮތް ކަމަށް ވިދާޅުވެ މިދިޔަ މަހު އިންޒާރު ދެއްވާފައިވާ ޕްރަޔޫތު ބުދަ ދުވަހު ވިދާޅުވެފައި ވަނީ "ދޮގު ހަދާ ނޫސްވެރިން މަރަން ވެސް ޖެހިދާނެ" ކަމަށެވެ.

ގައުމުގެ މުހިންމު ހުރިހާ އިދާރާތަކެއްގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނެވި ޕްރަޔޫތު ނޫސްވެރިންނާ ބެހޭ ގޮތުން މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު އޭނާ ވިދާޅުވެފައި ވަނީ ގައުމުގައި ހަމަނުޖެހުން އުފެދޭ ސަބަބުތައް ނައްތާާލާފައި ނޫނީ ޑިމޮކްރަސީ އަލުން ގާއިމު ނުކުރާނެ ކަމަށެވެ. މިދިޔަ އަހަރު ވެރިކަން ވައްޓާލުމަށް ފަހު ގައުމު ހަމަޔަކަށް އަޅުވަން ޕްރަޔޫތު ވަނީ މަގުޗާޓެއް އެކުލަވާލައިފަ އެވެ. އޭގައިވާ ކަންކަން އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށާއި ޑިމޮކްރަސީގެ ވާހަކަ ދައްކާނީ އޭގެ ފަހުން ކަމަށް ވެސް ޕްރަޔޫތު ވިދާޅުވެފައިވެ އެވެ.