ހަބަރު

އާ އިސްލާހުތަކަށް މަޖިލީހުގައި ހޫނު ބަހުސްތަކެއް

ރައްޔިތުން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް 42 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި އެއް މެންބަރަކު އަނެއް މެންބަރަކަށް ހޫނު ބަހުގެ ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން 15 މެންބަރުންގެ ސޮޔާ އެކުގައިވެސް އިތުބާރު ނެތް މައްސަލަތައް ހުށަހެޅިދާނެ އެވެ. ނަމަވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީ ބައްދަލުވުމުގައި ފާސް ކުރި ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާ އެކުގަ އެވެ. އަދި އެ ގަވާއިދު ފާސްވާ ދުވަހުން ފެށިގެން މިހާރު ހުށަހެޅިފައި ހުރި އިތުބާރު ނެތް މައްސަލަތަކަށް ވެސް އެ ގަވާއިދު ހިނގާނެ އެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ އެ އިސްލާހާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފަ އެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރު ފަރާތުން އެފަދަ އިސްލާހެއް ހުށަހެޅީ މިހާރު އެޖެންޑާކޮށްފައިވާ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އަދި ދެވަނަ ފަހަތަށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތް މައްސަލަ ބާތިލުކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަކީ މުޅި ނިޒާމު ކިލަނބު ވެގެން ދާ ކަމެއް ކަމަށާއި އެފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވީ އިތުބާރު ނެތް މައްސަލަ 42 މެންބަރުންގެ ސޮޔާއެކު ހުށަހެޅޭނަމަ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާކަށް ނުޖެހޭނެ ކަމަށާއި އެ މައްސަލަ ވައްދާތަނުން މަޖިލީހުގެ ރައީސް މަގާމުން ދުރުވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ގޮތްގޮތަށް ގަވާއިދަށް ބަދަލު ގެނައުމަކީ އިދިކޮޅު ފަރާތްތަކުން ކާމިޔާބު ވެފައިވާ ކަން ސަރުކާރު ޕާޓީއަށް ވެސް އެނގިއްޖެ ކަން ޔަގީންވާ ކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިއްޒަތްތެރި ރައީސަށް ތިޔަ ގޮނޑިކޮޅުގައި ހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް. ތިޔަ ގޮނޑިކޮޅު ދިފާއު ކުރަން ތިޔަ މަސައްކަތް ކުރައްވަނީ އެ ނޫން ގޮތެއް ނެތިގެންތޯއޭ؟ ތާކުންތާކު ނުޖެހޭ އިންސާނީ ބުއްދި ގަބޫލުނުކުރެވޭ ކަންތައް ކުރިޔަސް މީ ތަންފުކެއް ބޮޑުވަރު،" އަލީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ހަމަތަކުން ބޭރުން އިދިކޮޅު ފަރާތްތަކުން އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅާތީ މަޖިލީހުގައި ކުރަން ޖެހޭ މުހިންމު މައްސަލަތައް ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން އެކަން ހުއްޓުވައި ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ބޮޑު އެއް އަސާސަކީ މެޖޯރިޓީއަށް ތަބާވުން ކަމަށާއި އަދި މެޖޯރިޓީގެ ބާރު އޮވެ ރައްޔިތުންގެ ފައިދާއަށް ކުރާ ކަންކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް ކަންކަން ހައްދުން ނެއްޓިގެން ދިޔުމުން ގަވާއިދު ބަދަލުކޮށްގެން ވެސް އިސްލާޙު ކުރުމަކީ އެމެރިކާއިންނާއި ތަހުޒީބު ގައުމުތަކުން ވެސް އަބަދުވެސް އަމަލު ކުރަމުންދާ ގޮތް ކަމަށް އާރިފް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހެޅިފައިވާ މި އިސްލާހުގެ ބަހުސް މަރުހަލާ މިހާރު ވަނީ ނިމިފަ އެވެ. އެ އިސްލާހާ މެދު ގޮތެއް ނިންމުމަށް މިއަދު 1:30 ވޯޓް ނަގާނެ އެވެ.