ހަބަރު

ފަނޑިޔާރުން ވަކިކުރުން ހުއްޓުވަން އެމްޑީޕީން ސިވިލް ކޯޓަށް ލީ މައްސަލަ ބަލައިގެންފި

Dec 14, 2014

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު އަހުމަދު މުއުތަސިމް ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ސިވިލް ކޯޓުން ބަލައިގަތްކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބަލައިގަތްއިރު ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ގާނޫނީ ވަކީލުންތަކެއް ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލް ޝާހީން ހަމީދާއި އިތުރު ވަކީލުންތަކެއް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން މިހާތަނަށް ގޮތެއް ނުނިންމާ ކަމަށްވެ އެވެ.

ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ވަކީލުންތަކެއް ހައި ކޯޓަށް ހުށަހެޅިއިރު އެމްޑީޕީން ވަނީ ފާއިޒާއި މުއުތަސިމް ވަކިކުރަން ނިންމި މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.