ހަބަރު

ދީނީ ޕްރޮގްރާމްތައް އިތުރުކުރަން ޕީއެސްއެމް އާއި އައިޔޫއެމް އެއްބަސްވުމަކަށް

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ޓީވީ މެދުވެރިކޮށް ގެނެސްދޭ ދީނީ ޕްރޮގްރާމްތައް އިތުރުކޮށް ހަރުދަނާ ކުރުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.

ޕީއެސްއެމް އާއި އިސްލާމީ ޔުނިވާސިޓީ ގުޅިގެން މިއަދު ސޮއި ކުރި މި އެއްބަސްވުމަކީ، ޓީވީ މެދުވެރިކޮށް ގެނެސްދޭ ދީނީ ޕްރޮގްރާމްތައް އިތުރަށް ތަރައްގީކޮށް ވަރުގަދަ ކުރުމަށް ވީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި އިސްލާމީ ޔުނިވާސިޓީގެ ފަރާޓުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލާ، ޑ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮޮއި ކުރެއްވީ، ޕީއެސްއެމް ގެ މެނޭޖިން ޑިރެކްޓާ، އިބްރާހިން ހަލީލެވެ.

އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދު މިވީ އެއްބަސްވުމަކީ، މިހާރުގެ ޖީލުތަކަށް އިސްލާމްދީނުގެ މައުލޫމާތު އެންމެ ޒަމާނީ ވަސިލަތްތަކާ އެކު، އެންމެ ޒަމާނީ ހޯދުންތަކުގެ އަލީގައި ފޯރުކޮށްދިނުމަށް ވީ އެއްބަސް ވުމެއް ކަމަށެވެ. އަދި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ދަށުން ހިންގާ ޓެލެވިޝަން މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މިހާރަށް ވުރެ ގިނަ ދީނީ ޕްރޮގްރާމްތައް ގެނެސްދިނުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށެވެ.

"ރާއްޖޭގެ މިހާރުގެ ތައުލީމީ މުއައްސަސާތަކަށް ބަލާއިރު، ތައުލީމީ އެންމެ މަތީ މަރުހަލާ ނިންމާފައިވާ، އިލްމީ ގާބިލް އެންމެ ގިނަ ބޭފުޅުން ތިއްބެވި އެއް މުއައްސަސާއަކީ އިސްލާމީ ޔުނިވާސިޓީ. އެހެންކަމުން މި ޔުނިވާސިޓީ ޕީއެސްއެމް އާއި އެކު އެއްބަސްވުމެއް ވެވުންން ކަމީ، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގިނަގުނަ އިލްމި ފައިދާ ތަކެއް ކުރާނެ އޭގެ ސަބަބުން ކުރާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން." ޑރ. ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، ރޯދަމަހަށް ހާއްސަ ކޮށްގެން އިސްލާމީ ތާރީހު ހުށަހަޅައިދޭ ޕްރޮގްރާމެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ކޮންމެ ރޯދަމަހަކު ޓީވީއެމް އިން ބާއްވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގައި ވެސް އިސްލާމީ ޔުނިވާސިޓީ އިން ގިން އެހިތަކެއް ވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޕީއެސްއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޕީއެސްއެމް ގެ އެމްޑީ، އިބްރާހިމް ހަލީލް ވިދާޅުވީ، އިސްލާމީ ތައުލީމު ފެތުރުމަށް އިސްލާމީ ޔުނިވާސިޓީ އިން ކުރަމުންދާ ދިރާސާތަކާއި، އިލްމީ ގޮތުން ކުރަމުންދާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެވުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ ފައިދާ ތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި، ދެ ފަރާތް ގުޅިގެން ރައްޔިތުންނާއި ހަމަޔަށް ގިނަ ދީނީ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ޕީއެސްއެމް އާއި އައިޔޫއެމް ދެމެދުގައި އޮންނަ ގުޅުން މިހާރަށް ވުރެ ވަރުގަދަވެ، ގައުމަށް ގިނަ ފައިދާ ތަކެއް ކުރާނެ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.