ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެ ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ދެ ބޭފުޅުން ވަކިކުރަން ފާސްކުރީ މިއަދު ބޭއްވި ޖަލްސާ ނެގި ވޯޓުގައި ބައިވެރިވެ މެމްބަރުންގެ ތެރެއިން އެ ދެ ބޭފުޅުން ވަކިކުރަން 53 މެމްބަރަކު ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް 21 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ފާއިޒާއި މުއުތަސިމް ވަކިކުރަން އެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިންނެވެ. ގާނޫނަށް ގެނައި އެ އިސްލާހު ބުނާގޮތުން ވަކިކުރަންޖެހޭ ދެ ފަނޑިޔާރުންގެ ނަން މަޖިލީހަށް ފޮނުވާނީ ޖޭއެސްސީންނެވެ.
އެ ދެ ބޭފުޅުން ވަކިކުރަން ނިންމުމާ އެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރުން އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި އޭގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު އުއްތަމަ ފަނޑިޔާރަކަށް އަންނާނެ އެވެ.