ވިޔަފާރި

ކުދި ވިޔަފާރީތަކުގެ ޖޫރިމަނާތައް މީރާއިން މާފް ކުރަނީ

Apr 13, 2017
11

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މާފް ކުރަން މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ)އިން ނިންމައިފި އެވެ.

މީރާއިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ޖޫރިމަނާތައް މާފް ކުރުމުގައި އެ އޮތޯރިޓީން މިހާރު އަމަލު ކުރަމުންދާ އާއްމު އުސޫލުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދެވޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މާފް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކަމަކީ އެ ވިޔަފާރިތަކުން ނިޒާމުގެ ތެރެއަށް އެނބުރި އައުމަށް އެހީތެރިވުމުގެ ގޮތުން 30 ޖޫންގެ ނިޔަލަށް ދޭ ފުރުސަތެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެގޮތުން އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން ބީޕީޓީ އަދި ޖީއެސްޓީއާ ގުޅިގެން މިމަހުގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް މާފް ކުރެވޭނެ ކަމަށާއި އެކަމާ ގުޅޭ ފޯމު ހުށަހެޅުމަށް މީރާއިން ބުންޏެވެ.

މީރާއިން ވަނީ މީގެ އިތުރުން ވެސް މި އަހަރު ތެރޭގައި ކުދި ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދީފަ އެވެ.