ހަބަރު

މެންޗެސްޓާ ޔުނައިޓެޑް – ލިވަޕޫލް: އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ކުރިމަތިލުން

Dec 14, 2014

މެންޗެސްޓާ (ޑިސެމްބަރު 14) – އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް މިރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި ކުރިމަތިލާއިރު، މިއީ އިންގްލެންޑްގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް މެޗެކެވެ. ތާރީހީ ގޮތުން ދެ ޓީމުގައި އޮތް ވާދަވެރިކަމަކީ ދެ ޓީމު ކޮންމެ ހާލަތެއްގައި އޮތަސް، ގެއްލޭ ކަމެއް ނޫނެވެ. އެހެންކަމުން ޔުނައިޓެޑާއި ލިވަޕޫލް ކުރިމަތިލުން ސިފަކުރެވިފައިވަނީ އިނގިރޭސި ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މެޗުގެ ގޮތުގަ އެވެ.

މި މެޗަށް ނުކުންނައިރު، ލީގުގައި އެންމެ ފަހުން ކުުޅުނު ފަސް މެޗުން މޮޅުވެ ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ސީޒަންގެ ފެށުން ގޯސްވި ނަމަވެސް، މި ފަހުން ނެރުނު ނަތީޖާތަކާއެކު ޔުނައިޓެޑް ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ރަނަރަޕްގެ މަގާމު ހޯދި ނަމަވެސް، މި ސީޒަންގައި ލިވަޕޫލަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ، ލިވަޕޫލް އިނގިރޭސި ލީގު ތާވަލްގެ ނުވަ ވަނައިގައި އޮތްއިރު، އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުން ވެސް ވަނީ ބަލިވެފަ އެވެ. މެޗަށް ނުުކުންނައިރު ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެކަމަކު ލިވަޕޫލްއާ އެންމެ ވާދަވެރި އެއް ކްލަބް އަތުން މޮޅުވުމަކީ ލިވަޕޫލަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

މެޗަށް ނުކުންއިރު މެންޗެސްޓާ ޔުނައިޓެޑްގެ އާޖެންޓީނާ ވިންގާ އަންހެލް ޑިމަރިއާ އަށް މި މެޗުގައި ނުކުޅޭވޭނެ އެވެ. އިނގިރޭސި ލީގުގައި މިދިޔަ މަހުގެ ފަހުކޮޅު ހަލް ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ލީގުގައި އެންމެ ފަހުން ސްޓޯކް ސިޓީ އާއި ސައުތުހެމްޓަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ޑިމަރިއާއަކަށް ނުކުޅެވުނެވެ. މީގެ އިތުރުން ޑިފެންޑަރު ކްރިސް ސްމޯލިން އާއި ލޫކް ޝޯ އަދި މިޑްފީލްޑަރު ޑޭލީ ބްލިންޑް ވެސް އަނިޔާގެ މައްސަލަތަކާ ގުޅިގެން މިރޭގެ މެޗުގައި ނުފެންނާނެ އެވެ.

އެކަމަކު ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލަށް ލިބޭނެ ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު، ދެ ޑިފެންޑަރުން ކަމަށްވާ ފިލް ޖޯންސް އާއި ރަފައެލް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމެވެ.