ވިޔަފާރި

ބީއެމްއެލް "ވައު ކިޑްސް ރަން" އަންނަ މަހު ބާއްވަނީ

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޓީއެފްޖީއާ އެކު ކުރިޔަށް ގެންދާ "ބީއެމްއެލް ވައު ކިޑްސް ރަން" އަންނަ މޭ މަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖާ އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު މިއަދު ވިދާޅުވީ މި އަހަރު ބީއެމްއެލް ކިޑްސް ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ދުވަހާ ގުޅިގެން މޭ މަހު 12 ވަނަ ދުވަހުގައި ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 600 ކުދިން، މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަކީ ބީއެމްއެލްގެ އަމާޒެއް. ބެންކުގެ ސީއެސްއާރްގެ ދަށުން އެކަން ހާސިލު ކުރުމަށް ގިނަ ހަރަކާތްތައް މިދަނީ ބާއްވަމުން. އެގޮތުން ތަފާތު ދުވުންތައް ރާވާ މުޖުތަމައަށް ފައިދާ ހުރި ގިނަ ކަންކަން ކުރަން. އެގޮތުން ބީއެމްއެލް ކިޑްސް ރަން އަކީވެސް އެ މަސައްކަތަށް އިތުރުވާ ބޮޅެއް،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް ކިޑްސް ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލެވޭނެ އެވެ. އެގޮތުން އެ ދުވުމުގައި ބައިވެރިވެވެނީ ތިން އަހަރާ ފަސް އަހަރާ ދޭތެރޭ ކުދިންނަށާއި ފަސް އަހަރާއި ހަތް އަހަރާ ދޭތެރޭގެ ކުދިންނާއި ހަތް އަހަރާ ނުވަ އަހަރާ ދެމެދުގެ އުމުރު ފުރާގެ ކުދިންނަށެވެ.

ބީއެމްއެލް ކިޑްސް ރަން އަކީ މިދިޔަ އަހަރުން ފެށިގެން އެ ކުންފުނިން ޓީއެފްޖީއާ ގުޅިގެން ކުރިޔަށް ގެންދާ ވަރަށް ކާމިޔާބު ހަރަކާތެކެވެ.