ދުނިޔެ

ލަންކާގެ 26 ސަރަހައްދެއްގައި ސަރުކާރުން ހިލޭ ވައިފައި ދޭން ފަށައިފި

Mar 31, 2015

ސްރީ ލަންކާގެ 26 ސަރަހައްދެއްގައި އިއްޔެ އިން ފެށިގެން ހިލޭ ވައިފައި އިންޓަނެޓް ދޫކުރަން ފަށައިފި އެވެ.

ހިލޭ އިންޓަނެޓް ދޫކުރަން ފެށުމުގެ ރަސްމިއްޔާތު އޮތީ ކޮލަމްބޯ ފޯޓް ރެއިލްވޭ ސްޓޭޝަންގަ އެވެ. އެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހަ އާއި ފޮރިން އެފެއާޒް މިނިސްޓަރު މަންގަލަ ސަމަރަވީރާ ބައިވެރިވެ ވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ވައުދެއް ފުއްދުމުގެ ގޮތުން ދޭންފެށި މި ހިދުމަތް ފުރަތަމަ ތައާރަފްކުރި ސިޓީތަކުގެ ތެރޭގައި ކެންޑީ، ކޮލަމްބޯ ފޯޓް، ޕޮލޮނާރުވާ، މަޓާރާ، ޖަފްނާ، ގޯލް، ޕެރަޑެނިޔާ، ކަޓްނަޔަކަ، ރަޓްނަޕޫރާ އަދި ދެހިވަލަ ހިމެނެ އެވެ. ނަމަވެސް އަދި މި ހިދުމަތް ލިބޭނީ މިއިން ކޮންމެ ސިޓީއެއްގެ ވެސް މުހިންމު ބައެއް ތަންތަނުގަ އެވެ.

އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އެޖެންސީން ބުނީ އޯގަސްޓް މަހުގެ ނިޔަލަށް އާންމު 1000 އަށް ވުރެ ގިނަ ސަރަހައްދުގައި ހިލޭ ވައިފައި އިންޓަނެޓް ލިބޭނެ ވަސީލަތް ގާއިމުކުރާނެ ކަމަށެވެ.