އުއްތަމަ ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ. ނަމަވެސް އެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ފާއިޒް ވިދާޅުވީ، ފަނޑިޔާރަކު ވަކި ކުރެވޭނެ އުސޫލުތަކެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުން މިއަދު ވޯޓު ނަގައި އޭނާ މަގާމުން ވަކި ކުރީ ގާނޫނު އަސާސީގައި ހުރި ހުރިހާ އުސޫލުތަކެއްގެ ބޭރުން ކަމަށް ފާއިޒް ވިދާޅުވި އެވެ.
"އަޅުގަނޑު މިދަންނަވަނީ ދައުލަތުގެ މުއައްސަސާއަކުން ނިންމި ނިންމުމެއްގެ ގާނޫނީ ހައިސިއްޔަތުގެ ވާހަކަ. ނަމަވެސް އެބޭފުޅުންގެ އެ ނިންމުންތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރަން ނުޖެހޭ ވާހަކައެއް ނޫން. އެކަމަށް ފާޑު ކިޔުން އޮތަސް އެ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ،" ފާއިޒް ވިދާޅުވި އެވެ.
މަގާމުން ވަކި ކުރަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ޖޭއެސްސީން އަދިވެސް އޭނާއަށް އަންގާފައި ނެތް ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. ފާއިޒް ވިދާޅުވި ގޮތުގައި އެ ނިންމުމާ ދެކޮޅަށް އޭނާ ނުތެދުވެ މަޑު ކުރީ، މަގާމު ދިފާއު ކުރުމަށް ބޭނުންފުޅު ނުވާތީ އެވެ.
"ދައުލަތުގެ މަގާމެއްގައި ހުރެގެން އަޅުގަނޑު ކުރާ ކަމެއް ނޫން އަޅުގަނޑުގެ މަގާމު ދިފާއު ކުރަން އުޅުމަކީ. އެއީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް ނޫން،" ފާއިޒް ވިދާޅުވި އެވެ. އެ މައްސަލައިގައި ކޯޓަށް ދާނަންތޯ ދެންވުމުން ވިދާޅުވީ "ތިކަމާ އެއްޗެއް ބުނަން އަދި އަވަސް" ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފާއިޒާއި މުއުތަސިމް ވަކިކުރީ ފާސްކުރީ މިއަދު ބޭއްވި ޖަލްސާ ނެގި ވޯޓުގައި ބައިވެރިވެ މެމްބަރުންގެ ތެރެއިން އެ ދެ ބޭފުޅުން ވަކިކުރަން 53 މެމްބަރަކު ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް 21 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.