ހަބަރު

ހަނީފު ބަންދުގައި ބެހެއްޓީ ރަނގަޅަށް: ހައިކޯޓު

ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފް 10 ދުވުހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ ރަނގަޅަށް ހައިކޯޓުން ނިންމައިފި އެވެ.

ހައިކޯޓުން މިގޮތަށް ނިންމީ ހަނީފް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ އިސްތިއުނާފު ކުރުމުންނެވެ. ހަނީފްގެ ބަންދުގައި ބެހެއްޓުމަށް ދެވަނަ އަމުރެއް ވެސް މިހާރު ކުރިމިނަލް ކޯޓުން ވަނީ ކޮށްފަ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ހަނީފަށް ތުހުމަތު ކުރެވޭ ކުށަކީ އޭގެ ޒާތަށާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށެވެ. އަދި އެ ކުށަށް ތުހުމަތެއް އުފެދޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އެ ހެކިތަކަށް ބަލާއިރު މިވަގުތަށް ހަނީފް ދޫކޮށްލާފައި ހުރުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން ހަނީފް ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ. ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ޕީޕީއެމްއިން ވަކިކޮށްފައިވާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އަރިސް ހަނީފް ހައްޔަރުކުރުމާ ގުޅިގެން އޭނާ ސަރުކާރުގައި އަދާކުރަމުން ދިޔަ މަގާމުން ވެސް ވަނީ ދުރުކޮށްފަ އެވެ.

ސުޖާއު އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ މަޝްވަރާތަކެއް ކުރާ އަޑު އިވޭ އޯޑިއޯއެއް "އަވަސް" އަށް ވަނީ ލިބިފަ އެވެ. އެ އޯޑިއޯގައި ސުޖާއު އުސްމާނު އަވަހަރާކޮށްލައި، އެކަން ކާމިޔާބު ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ އޯޑިއޯގައި ވާހަކަ ދައްކަނީ ކޮން ބައެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

ސުޖާއު އުސްމާނު އަވަހާރަކޮށްލުމަށް ހަތަރު ލައްކަ ރުފިޔާގެ އިނާމެއް ހުށަހެޅިއިރު އެކަން ހަވާލުކުރާ މީހަ އެކަމާ އެއްބަސްވާކަން ވެސް އޯޑިއޯއިން އެނގެ އެވެ. އަދި އެޑްވާންސްއަށް 50 ޕަސެންޓް ފައިސާ ދެއްކުމުން "މިޝަން އޮން" ކަމަށް ބުނެ އެވެ.