ކުޅިވަރު

ކުރީގެ ހިސާބުތައް ނުލިބި، ނިއު އޮޑިޓް ނުކުރެވިފައި

Apr 20, 2017
4

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ މެނޭޖްމެންޓްތަކުގެ ހިސާބުތަކާއި، ލިޔެ ކިޔުންތައް ނުލިބޭތީ ކުލަބުގެ މެނޭޖްމެންޓް އަދި މާލީ އޮޑިޓެއް ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެއްޖެ އެވެ.

ނިއުރޭޑިއަންޓްގެ ޗެއާމަން މުހައްމަދު ޒިޔާދު މި އަހަރު ފެބްރުއަރީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށްގެން، ނިއުގެ މެނޭޖްމެންޓް އަދި ފައިނޭންޝިއަލް އޮޑިޓެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ ތާޑް ޕާޓީގެ އޮޑިޓެއް ވެސް ހަދަން، ވަކި ބަޔަކު ބްލޭމް ކުރަކަށް ނޫން، އަޅުގަނޑުމެންގެ އިލެކްޝަން އޮތް ރޭ މިދިޔަ އަހަރުގެ ދައުރުގެ ބޭފުޅުން ހުށަހެޅި ރިޕޯޓްގައި އެބައޮތް އެބޭފުޅުންގެ ކުރީގެ ދައުރު ނިމި ތިމަންނަ މެންނާ ހަވާލުވިއިރު ވެސް ވަރަށް ބޮޑު ދަރަންޏެއް އޮތް ވާހަކަ، އެހެންވެ އެވެސް ކެރީފޯވަޑް ކުރަމުން މި އަންނަނީ، އޮޑިޓްކޮށް އަޅުގަނޑުމެން ބޭނުންވަނީ އަސްލު މިއެއްޗިހި ކްލިއާ ކުރަން،" ފެބްރުއަރީ މަހު އަވަސްއަށް ދެއްވި އިންޓަވިއުގައި ޒިޔާދު ވިދާޅުވި އެވެ.

އެ އޮޑިޓްގެ މަސައްކަތް މިހާރު އޮތް މަރުހަލާގެ މައުލޫމަތު ހޯދަން އަވަސްއިން ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) އަށް ގުޅުމުން، އޭނާ ވިދާޅުވީ ނިއުގެ އެތޭރޭގެ ކަމަކަށްވާތީ އެކަން މީޑިއާއާ ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުން ނިއުގެ މިހާރުގެ އެގްޒެކެޓިވް ބޯޑުން ވަނީ، ކުރީގެ ފައިނެޝިއަލް ލިޔުންތަކާއި ހިންގި ގޮތުގެ ލިޔުންތައް ފޯރުކޮށް ދިނުމަށް، ކުރިން އޮތް ބޯޑުގެ ހިމެނުނު ބޭފުޅުންނަށް މިހާތަނަށް ތިން ފަަހަރެއްގެ މަތިން ސިޓީ ފޮނުވާފަ އެވެ.

އަދި މިހާތަނަށް، ކުރީގެ ލިޔުންތައް ނުލިބެ އެވެ. އެހެންވެ، އޮޑިޓް ކުރުމުގެ މަސައްކަތް މިނިވަން އޮޑިޓްފަމާކާ އޮތީ ހަވާލު ނުކުރެވި އެވެ. ދާދިފަހުން ނިއުގެ ފުޓްބޯޅަ އެކެޑަމީ ފަށާފައިވައިރު، ކުރިން ފުޓްބޯޅަ އެކެޑެމީ ހިންގި ގޮތުގެ އެއްވެސް ލިޔުމެއް އަދި އެކެޑަމީގެ ފައިނޭންޝިއަލް ރިޕޯޓެއް އަދި ސްޓޮކްގެ ލިޔުންތަކެއްވެސް ނެތެވެ. އެހެންވެ، މިހާރުގެ މެނޭޖްމެންޓުން ވަނީ ނިއުގެ އެކަޑަމިއަށް ބޭނުންވާ ޓްރެއިނިން ވަސީލަތްތަވެސް، އަލުން ގެނެސްފަ އެވެ.

އޮޑިޓް ފާމަކާ ހަވާލުކޮށްގެން ނިއުގެ ފައިނޭޝިއަލް އަދި މެނޭޖްމެންޓް އޮޑިޓެއް ކުރުމަށް މަސައްކަތް ކުރަމުންދާއިރު ނިއު ވެފައި ވަނީ މިނިވަން އޮޑިޓް ފަމަކާ ހަވާލުކޮށްގެން، އޮޑިޓެއް ކުރާ، ރާއްޖޭގެ ފުރަތަމަ ކުލަބަށެވެ.