ހަބަރު

ރިޔާޒުގެ ޝަރީއަތް މިރޭ ބާއްވަނީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޝަރީއަތުގެ ދެވަނަ އަޑުއެހުން މިރޭ ބޭއްވުމަށް ޝެޑިއުލްކޮށްފި އެވެ. ކުރިން މި އަޑުއެހުން ބޭއްވުމަށް ޝެޑިއުލްކުރީ އަންނަ އާދިއްތަ ދުވަހަށެވެ.

ރިޔާޒްގެ އަޑުއެހުން އަވަސްކޮށް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު ރޭގަނޑު ޝަރީއަތް ބޭއްވުމަކީ ކުރިމިނަލް ކޯޓުން އާންމުކޮށް ކުރާ ކަމެއް ނޫނެވެ. މިދިޔަ އަހަރު ރޭގަނޑު ޝަރީއަތްތައް ބޭއްވި ނަމަވެސް ފަހުން ވަނީ ރޭގަނޑު ޝަރީއަތްތައް ބޭއްވުން ހުއްޓާލާފަ އެވެ.

މިރޭ ބާއްވާ އަޑުއެހުމަކީ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ. ރިޔާޒުގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާއަށް ރިޔާޒު ވަނީ އިންކާރު ކުރައްވާފަ އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ މައުލޫމާތު ސާފުކުރުމަށް ފޯނު އަންލޮކްކޮށް ހުޅުވައިދިނުމަށް އެދުމުން އެކަން ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ