ހަބަރު

އަބްދުﷲ ރިޔާޒުގެ ޝަރީއަތް ސިއްރުކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޝަރީއަތް ސިއްރުކޮށްފި އެވެ.

މިރޭ ރިޔާޒުގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު މިއަދު ހަވީރުވެސް އެ އަޑުއެހުމަށް ވަނުމަށް ދިޔަ މީހުންގެ ނަން ނޯޓް ކުރި އެވެ. ނަމަވެސް އަޑުއެހުން ފެށުމަށް ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުން ސިއްރު ކަމަށް އަންގާފަ އެވެ.

ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އަޑުއެހުން ސިއްރުކުރި ސަބަބެއް ސާފެއް ނުވެ އެވެ.

އަންނަ އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުން މިރޭ 8:00 އަށް ތާވަލުކޮށްފައިވާއިރު ރޭގަނޑު ޝަރީއަތް ބޭއްވުމަކީ ކުރިމިނަލް ކޯޓުން އާންމުކޮށް ކުރާ ކަމެއް ނޫނެވެ. މިދިޔަ އަހަރު ރޭގަނޑު ޝަރީއަތްތައް ބޭއްވި ނަމަވެސް ފަހުން ވަނީ ރޭގަނޑު ޝަރީއަތްތައް ބޭއްވުން ހުއްޓާލާފަ އެވެ.

މިރޭ ބާއްވާ އަޑުއެހުމަކީ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ. ރިޔާޒުގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާއަށް ރިޔާޒު ވަނީ އިންކާރު ކުރައްވާފަ އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ މައުލޫމާތު ސާފުކުރުމަށް ފޯނު އަންލޮކްކޮށް ހުޅުވައިދިނުމަށް އެދުމުން އެކަން ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.