ހަބަރު

ފާއިޒާއި މުއުތަސިމް ވަކިކުރަން ނެގި ވޯޓުގައި ނަޝީދު ވަކި ކޮޅަކަށް ވޯޓު ނުދެއްވި

Dec 14, 2014

އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވި އެވެ.

އެ ދެ ބޭފުޅުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 53 މެމްބަރަކު އެ ދެ ބޭފުޅުން ވަކިކުރަން ވޯޓު ދެއްވިއިރު އޭގެ ތެރޭގައި މުޅިން ވެސް ތިއްބެވީ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެމްބަރުންނެވެ. ނަމަވެސް ނަޝީދު ވަކިކޮޅަކަށް ވޯޓު ނުދެއްވަ އެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރިއިރު ވެސް ނަޝީދު އެ އިސްލާހު ފާސް ކުރަން ވޯޓެއް ނުދެއްވަ އެވެ. ނަޝީދުގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވެސް ވޯޓު ވަނީ އެ އިސްލާހާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވައިފަ އެވެ. ނަމަވެސް ފާއިޒާއި މުއުތަސިމް ވަކިކުރަން ފެންނަ ކަމަށް މަހްލޫފު މިއަދު ވަނީ ވޯޓު ދެއްވައިފަ އެވެ.

އެ ދެ ބޭފުޅުން ވަކި ކުރުމާ ދެކޮޅަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވޯޓު ދެއްވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ވެސް ވޯޓު ދެއްވީ އެ ދެ ބޭފުޅުން ވަކިކުރަން ފެންނަ ކަމަށެވެ.

އިދިކޮޅު އެމްޑީޕީ މެމްބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވި 17 މެމްބަރުން ވެސް ވަނީ ފާއިޒާއި މުއުތަސިމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ. ނަމަވެސް އެ ޕާޓީއަށް ނިސްބަތްވާ ހަ މެމްބަރަކު މިއަދުގެ ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިތުރު ތިން މެމްބަރަކު ވަނީ ފާއިޒާއި މުއުތަސިމް ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. އަދާލަތު ޕާޓީގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި މެމްބަރު އަނާރާ ނައީމް ވަނީ ވެސް އެ ދެ ބޭފުޅުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.