ހަބަރު

ނާސިރާގެ ފައިސާއިން އިތުރު ހަތަރު މީހެއްގެ ހުވަފެން ހަގީގަތަކަށް

އުމުރުން ހަތް އަހަރު ފެށިގެން ހިނގުމުގެ ނަސީބުން މަހުރޫމްވެ، މީހެއްގެ އެހީތެރިކަމާއެކު ނޫނީ ހެލިފެލިވެ ނޫޅެވޭ ފާތިމަތު ފައުޒިއްޔާގެ 40 ހަކަށް އަހަރުވީ ހުވަފެހެން ހަގީގަތަކަށް ވެގެން ދިޔައީ އިއްޔެ އެވެ. އަމިއްލައަށް ތަންތަނަށް ގޮސް، މީހަކަށް ބަރޯސާ ނުވެ އުޅުމުގެ ނަސީބު ވެސް ލިބިގެން ދިޔައީ އިއްޔެ އެވެ.

އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ، ނާސިރާ އަބްދުﷲގެ ފައިސާއިންނެވެ. ނާސިރާގެ ފައިސާގެ ތެރެއިން ނާސިރާގެ ވާރިސެއް ކަމަށްވާ އައިޝަތު ނަޖްމާއަށް ލިބުނު ދެ ލައްކަ ރުފިޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަދިޔާ ކުރަން ބޭނުންވެގެން ކުރީގެ ޑިސޭބިިލިޓީ އެމްބެސަޑާ އަހުމަދު ހިޝާނަށް އެކަން އޭނާ ވަނީ ހިއްސާކޮށްފަ އެވެ. ނަޖުމާ އެ ފައިސާތައް ހިޝާންއަށް ދިނުމުން އޭނާ ވަނީ ފައިސާ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. އެސްޓީއޯއިން ވަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ނުވަ ފުރޮޅުލީ ގޮނޑި ގެނެސްފަ އެވެ.

މީގެ ތެރެއިން ހަތަރު ގޮނޑި މީގެކުރިން ވަނީ މާލޭގެ ހަތަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދީފަ އެވެ. އިއްޔެ ހަވީރު ވަނީ ހދ. ކުޅުދުއްފުށީގެ ތިން ފަރާތަކަށާއި ނޮޅިވަރަމްފަރު ފަރާތަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފަ އެވެ. ފައުޒިއްޔާއަކީ މީގެ ތެރެއިން ނޮޅިވަރަމްފަރަށް ނިސްބަތްވާ މީހާ އެވެ.

ފައުޒިއްޔާ ބުނީ، އިއްޔެއަކީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުމުން ނާސިރާއަށާއި ހިޝާންއަށް ހިފެހެއްޓުމެއް ނެތި ޝުކުރު އަދާކުރާ ކަމަށެވެ. މީގެކުރިން ބޭރަށް ތާކަށް ދާނަމަ ކޮންމެވެސް މީހެއްގެ ބައިސިކަލް ފަހަތުގައި އިނދެގެން ދިޔަ ނަމަވެސް މިހާރު އަމިއްލައަށް މަގުތަކުގައި ދުއްވާލަން އުނދަގުލެއް ނޫނެވެ. ރިމޯޓް ކޮންޓްރޯލުން ދުއްވޭ މި ގޮނޑީގައި މިހާރު ފައިޒިއްޔާ އިނީ އުފަލުން ފޮޅިފަ އެވެ.

ދެން ގޮނޑި ލިބިފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަހުމަދު އަލީ، މުހައްމަދު އިބުރާހިމް އަދި ފާތުމަތު ރަޝީދާއަށެވެ. މީގެތެރެއިން އަހުމަދު އަލީ އަކީ އޭނާގެ ބޭބެ ބަލަހައްޓަމުން އަންނަ މީހެކެވެ. އަހުމަދަށް ނުހިނގާތީ އޭނާގެ ހުރިހާ ކަމެއް ކޮށްދެނީ ބޭބެ އެވެ. ބޭބެގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ އަހުމަދަށް އަޅާލުމަށެވެ.

ހިޝާން ވިދާޅުވީ، މިފަދަ ކަންކަން ބޭނުން ވަނީ ހަމައެކަނި މާލެއަށް ނޫން ކަމަށެވެ. ކުޅުދުއްފުށީގެ ފަރާތްތަކަށް މިފަހަރު ގޮނޑި ހަދިޔާ ކުރީ ވެސް އެ ރަށުން އެކަމަށް އެދެމުންދާތީ ކަމަށެވެ. ހިޝާން ވިދާޅުވީ، ހިދުމަތްތައް ބޭނުން ވަނީ ހަމައެކަނި ބޮޑެތި ރަށްތަކަށް ކަމަށް ވެސް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. ކުދި ރަށްތަކަށް އުފަންވުމަކީ އެ މީހެއްގެ ކުށެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ އަމާޒަކީ ކުދި ރަށްތަކުގައި ތިބި އެފަދަ ފަރާތްތަކަށް ވެސް އެހީތެރިކަން ކުރިއަށް އޮތްތާ ފޯރުކޮށްދިނުން ކަމަށެވެ.

ހިޝާން ވަނީ އޭނާއާ ގުޅިގެން ކުޅުދުއްފުށިން މަސައްކަތް ކުރާނެ އެޖެންޓެއް ވެސް ހޯދާފަ އެވެ. އެކަމަށް ހަމަޖެއްސި ކުޅުދުއްފުށީ އަބްދުﷲ އަލީ ބުނީ، ހިޝާންއާއެކު މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަންކަން ފަސޭހަ ކޮށްދިނުމުގައި ކުރިއަށް ދާނެ ކަމަށެވެ.

ގޮނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ބޭއްވީ ކުޅުދުއްފުށީ ފުލުހުންނާ ގުޅިގެންނެވެ. ފައުޒިއްޔާ ބުނީ، އޭނާ ކުޅުދުއްފުޓަށް ގެންގޮސް އަނބުރާ ރަށް ގެންދިޔުމާ ހަމައަށް ވެސް ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އަޅާލުން ލިބިގެން ދިޔަ ކަމަށެވެ.

ފައުޒިއްޔާ ބުނީ، ނުކުޅެދުންތެރިކަން ހުންނަ އޭނާ ފަދަ މީހުންނަކީ ވެސް މިއަދު މުޖުތަމައުގައި ބާކީވެފައި ތިބި ބައެއް ނޫން ކަމުގެ އިހުސާސް ކުރެވިއްޖެ ކަމަށެވެ. އެކަމަށްޓަކައި ވަރަށް އުފާވާ ކަމަށެވެ. ކޮންމެ މީހަކީ ވެސް އެކަކު އަނެއް ކަކަށް އަޅާލައި އޯގާތެރި ބަޔަކަށް ވާނަމަ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމަކަށް ވާނެ ކަމަށް ފުއްޒިއްޔާ ބުންޏެވެ. އޭނާ ދެކެން ބޭނުންވާ އޯގާތެރި މުޖުތަމައު މިހާރު ފެންނަމުންދާ ކަމަށެވެ.