ހަބަރު

24 ތަނަކަށް ވަޅިހަރައި ބްލޮގަރު ޔާމީން ރަޝީދު މަރާލައިފި

Apr 23, 2017
23

ބްލޮގަރެއްގެ ގޮތުގައި އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރޫ ވެފައިވާ އައްޑޫ ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދު، 29 އަހަރުގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލައިފި އެވެ.

ޔާމީންގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވާ ފެނުނީ، ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން ދަންވަރު 2:59 އެހާކަން ހާއިރު އެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މާގިނައިރުތަކެއް ނުވެ ވަނީ މަރުވެފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ވަޒީފާ އަދާކުރަމުން ދިޔަ ޔާމީންގެ ކަރަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްވެ އެވެ. ގާތްގަނޑަކަށް 24 ތަނަށް ވަޅި ޖަހާފައި ހުރި ކަމަށްވެ އެވެ. ފުލުހުން ބުނީ ރޭ ޒަހަމްތަކަކާ އެކު ފެނުނު ޒުވާނާއަށް ބަޔަކު ގަސްތުގައި ތޫނު ހަތިޔާރުން ހަމަލާދީފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްގެ ކްރައިމް ޑިޕާޓްމަންޓުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ،

ޔާމީން ރަޝީދަކީ، "ޑެއިލީ ޕެނިކް"ގެ ނަމުގައި ލިޔަމުން އަންނަ އޭނާގެ އަމިއްލަ ބްލޮގާއި ޓްވިޓާގައި، ދީނީ ހައްދު ފަހަނައެޅުމާ ދެކޮޅަށާއި ސިޔާސީ އަދި އިޖުތިމާއީ އެކި ކަންކަމަށް ވަރަށް ތަނަވަސްކޮށް ހިޔާލުފާޅު ކުރަމުން ދިޔަ ޒުވާނެކެވެ. އޭނާ އަކީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ ގާތް އެކުވެރިއެއްގެ އިތުރުން އޭނާ ހޯދުމަށް ފެށި ކެމްޕޭންގައި އިސްކޮށް އުޅުނު ފަރާތެއްވެސްމެ އެވެ.

ތަފާތު މަރުގެ އިންޒާރުތަކާއި ބިރުދެއްކުމާ އޭނާއަށް ކުރިމަތިވާތީ މީގެ ކުރިން ޔާމީން އެ މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ޔާމީންގެ މަރާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި މިފަހުން ސްރީލަންކާއަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ މަރާ ގުޅޭ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލައިފަ އެވެ.