ހަބަރު

ޔާމީންގެ މަރާ ގުޅިގެން ސްޓޮކް އެކްސްޗޭންޖް މިއަދު ބަންދު

ބްލޮގަރެއްގެ ގޮތުގައި އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރޫ ވެފައިވާ ޔާމީން ރަޝީދު ތޫނު އެއްޗަކުން ހަމަލާދީ މަރާލުމާ ގުޅިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. ޔާމީން އަކީ ސްޓޮކް އެކްސްޗޭންޖްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ޔާމީން މަސައްކަތް ކުރަމުން އަންނަނީ އެތަނުގެ އައީޓީ ޑިޕާޓްމަންޓުގަ އެވެ.

މިކަމާ ގުޅޭގޮތުން ސްޓޮކް އެކްސްޗޭންޖުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔާމިން އަކީ އެކުންފުނީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މުވައްޒަފެއް ކަމަށެވެ. އަދި މަރުވިއިރު ޔާމިން ދިޔައީ އެކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ ފަރާތުން އަލަށް ތައާރަފްކުރާ އިންފިނިޓީ ޕޯޓަލްގައި މަސައްކަތް ކުރަމުން ކަމަށެވެ. އެ ޕޯޓަލް އަކީ އިންވެސްޓަރުންނަށް އޮންލައިންކޮށް ޑިޕޮސިޓަރީ އެކައުންޓެއް މެދުވެރިކޮށް އައިޕީއޯ ތަކުގެ ހިއްސާ ބެލޭނެ ޕްލެޓްފޯމެކެވެ.

ޔާމީން މަރާލާފައިވަނީ ގައިގެ 14 ތަނަކަށް ވަޅި ހަރައިގެންނެވެ. ޔާމީންގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވާ ފެނުނީ، ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން ދަންވަރު 2:59 އެހާކަން ހާއިރު އެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މާގިނައިރުތަކެއް ނުވެ ވަނީ މަރުވެފަ އެވެ.

ތަހުގީގަސް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ޔާމިންގެ ހަށިގަނޑު މިހާރުވަނީ އާއިލާ އާއި ހަވާލުކޮށްފަ އެވެ. ޔާމީން ވަޅުލަން ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެސަހަރާގަ އެވެ.