ދުނިޔެ

ޗޮކްލެޓްތަކެއްގެ ތެރެއަށް ގެނބިގެން ރެފިއުޖީންތަކެއް މަރުނުވީ ކިރިޔާ

Apr 1, 2015

އިނގިރޭސި ވިލާތަށް އެތެރެވާން އުޅުނު ރެފިއުޖީންތަކެއް ދިޔާ ޗޮކްލެޓްތަކެއްގެ ތެރެއަށް ގެނބިއްޖެ އެވެ.

ސީރިއާ އާއި މިސްރަށް ނިސްބަތްވާ މި ރެފިއުޖީން އިނގިރޭސި ވިލާތަށް ވަންނަން މަސައްކަތްކުރީ އިނގިރޭސި ވިލާތަށް ދަތުރުކުރި ޓްރަކެއްގެ ތެރޭގައި ފިލައިގެންނެވެ. އެ ޓްރަކްގެ ޓޭންކު ތެރެއަށް މި މީހުން ފޭބި އިރު އޭގައި ހުރީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. އޭގައި ހުރީ ހޫނުކޮށް ހުރި ދިޔާ ޗޮކްލެޓެވެ.

މި ޓޭންކު ތެރެއަށް ހަތް މީހުން އެރިގެން ދެ ގަޑިއިރު ވަންދެން ތިއްބެވެ. އެކަމަކު އެންމެފަހުން އެ މީހުން އޭގެ ތެރެއިން ނިކުމެ ސަލާމަތްވީ ގެނބިގެން މަރުވެދާނެ ކަމުގެ ބިރު ހީވުމުންނެވެ. ކެތެއް ނުކުރެވުނެވެ.

"އެއަށް ފައިބަން އުޅުނު އިރު އޭގައި ހުރީ ކޯއްޗެއް ކަމެއް އެއްގޮތަކަށް ވެސް ނޭނގެ. އެކަމަކު މަތި ނެގީމަ އެނގިއްޖެ،" ޗޮކްލެޓްތަކުގެ ތެރެއަށް އެރުނު މީހަކާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.

އެ މީހުން ބުނެފައި ވަނީ ޓޭންކު ތެރެއަށް އެރުމުން ފުރަތަމަ ކުރެވުނީ ވަރަށް އަރާމު އިހްސާސެއް ކަމަށެވެ. އެއީ އެ މީހުން ތިބި ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ފިނި ގަދަވުމުންނެވެ.

"އެކަމަކު ހޫނު ޗޮކްލެޓްތަކުގެ ތެރެއަށް އެރުނުތާ 15 މިނެޓް ފަހުން ދެން ވާންފެށީ އުނދަގޫ،" އޭގެ ތެރެއިން އެކަކު ބުނެފައިވެ އެވެ.

މި މީހުން އިނގިރޭސި ވިލާތަށް ވަދެ މިހާރު ވަނީ ހިމާޔަތް ހޯދައިފަ އެވެ. އެ މީހުން ބުނީ ޓްރަކްގައި ހުރީ މީރު ޗޮކްލެޓެއް ކަމަށާއި ގައިގައި އުނގުޅުނު ޗޮކްލެޓްތައް ވެސް ބޯލީ ކަމަށެވެ.