އެޗްއާރްސީއެމް

އެޗްއާރްސީއެމަށް އެސްޖީއެއް ހޯދަނީ

Apr 25, 2017
3

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ސެކެޓަރީ ޖެނެރެލްއަކު ހޯދަން އެ ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އެޗްއާރްސީއެމްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ސެކެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ މަހު 10 ގެ ކުރިން ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މަގާމުގެ މަހު މުސާރައަށް 20،500 ރުފިޔާ ލިބޭ އިރު ލިވިން އެލަވަންސްއަށް މަހަކު 15،000 ރުފިޔާ ދެއެވެ. އޭގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާ ދެއެވެ.

މި މަގާމުގެ ޝަރުތުތަކު ތެރޭ ލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްސީއޭ) ގަބޫލު ކުރާ އިންސްޓިޓިއުޓަކުން، ހިއުމަން ރިސޯސް މެނޭޖްމަންޓާއި، ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި، ފައިނޭންސް އަދި އެކައުންޓިން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ނުވައަކަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާން ޖެހެ އެވެ. އަދި ގާނޫނީ ދާއިރާއާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ވެސް ނުވައަކަށް ވުރެ މަތީ ސަނަދު ހާސިލްކޮށްފައި ހުންނަން ޖެހެ އެވެ. އޭގެ އިތުރުން އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ފަސް އަހަރުގެ މަސައްކަތު ތަޖްރިބާ ހުރި މީހަކަށް ވާން ޖެހެއެވެ.

އެސްޖީ ކަމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެ މީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ހީލަތްހެދުމާއި އަދި ހިޔާނާތުގެ އިތުރުން ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވެ އެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރި ނުވާ މީހަކަށެވެ.