ހަބަރު

ފާއިޒާއި މުއުތަސިމްގެ މައުލޫމާތު ސުޕްރީމް ކޯޓު ވެބްސައިޓުން ނަގައިފި

Dec 14, 2014

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެ ކޯޓުގެ ފަނޑިޔާރުންގެ އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ދެ ބޭފުޅުންގެ މައުލޫމާތު ސުޕްރީމް ކޯޓުގެ ވެބްސައިޓުން ނަގައިފި އެވެ.

ސުޕްރީމް ކޯޓުގައި ވެބްސައިޓްގައި އެ ކޯޓުގައި ކޮންމެ ފަނޑިޔާރެއްގެ މައުލޫމާތާއި ފޮޓޯ ހިމެނޭ ގޮތަށް ޕްރޮފައިލް ޕޭޖް ހިމަނާފައިވެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަކިކުރަން ނިންމި ނިންމިތާ މާގިނައިރުތަކެއް ނުވަނީސް ފާއިޒާއި މުއުތަސިމްގެ މައުލޫމާތު ވަނީ ވެބްސައިޓުން ނަގައިފަ އެވެ.

މިހާރު ވެބްސައިޓުން ފެންނަން ހުރީ އެ ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ މައުލޫމާތެވެ. އޭގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރާނެ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ފާއިޒާއި މުއުތަސިމް ވަކިކުރަން މަޖިލީހުން މިއަދު ނިންމިއިރު ފާއިޒު ވަނީ މަޖިލީހުގެ ނިންމުން ގާނޫނު އަސާސީއާ ޚިލާފް ކަމަށް ވިދާޅުވެފަ އެވެ.