އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒު ހުސައިން އެ މަގާމުން ވަކި ކުރެއްވުމާ އެކު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާ ނަންފުޅަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން ފާއިޒާއި އެ ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހުން މިއަދު ނިންމިއިރު މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ. މަޖިލީހުގެ އިދާރާއިން ވެސް އެކަން ކަށަވަރުކޮށް ދިން ނަމަވެސް ޖަލްސާ ބާއްވާ ސަބަބެއް ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ ޖަލްސާ ބާއްވަނީ އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާ ނަންފުޅާ މެދު ގޮތެއް ނިންމުމަށެވެ. އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރައްވާނެ ބޭފުޅަކާ މެދު ރައީސަށް ލަފާ އަރުވާ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއް ވެސް މިއަދު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވަނީ ކޮން ބޭފުޅެއްގެ ނަމެއް ކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
ފާއިޒާއި މުއުތަސިމް ވަކި ކުރުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ކުރިން އިންތިގާލީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ. ބޮޑަށް ބެލެވޭ ގޮތުގައި އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރާނީ ފަނޑިޔާރު އަބްދުﷲ ސައީދެވެ.