ބޮލީވުޑް

"ވީރޭ ދި ވެޑިން" އުފެއްދުން މަޑުޖައްސައެއް ނުލާ

Apr 30, 2017

ބަތަލާއިންނަށް ހާއްސަކޮށްގެން އުފައްދާ ފުރަތަމަ ހިންދީ ފިލްމު "ވީރޭ ދި ވެޑިން" އިއުލާންކުރި ހިސާބުން މި ފިލްމަށް އަންނަނީ އެކި މައްސަލަތައް ދިމާވަމުންނެވެ. ފިލްމުގެ ލީޑް އެއް ބަތަލާ ކަރީނާ ކަޕޫރު ބަނޑުބޮޑުވުމުގެ ސަބަބުން މި އަހަރުގެ ކުރީކޮޅު ޝޫޓީން ފަށާ ގޮތަށް ވަނީ ލަސްކޮށްފަ އެވެ.

މިފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ލަސްކުރީ ފިލްމަށް ފައިސާގެ މައްސަލަތަކެއް ދިމާވެ، ފިލްމު މަޑުޖައްސާލިކަމުގެ ވާހަކަތަކެއް މިދޭތެރެއިން ވަނީ ދެކެވިގެން ގޮސްފަ އެވެ.

ޗިކް-ފްލިކް މިފިލްމުގެ ޝޫޓިން ލަސްކުރީ ލަފާކުރި ބަޖެޓަށް ވުރެން ފިލްމުގެ ބަޖެޓު މާ ބޮޑަށް ބޮޑުވުމުންނެވެ. އެގޮތުން ފިލްމުގެ އެއް ޕްރޮޑިއުސަރު އެކްތާ ކަޕޫރު އޮތީ ފިލްމު ޕްރޮޑިއުސް ނުކުރާ ގޮތަށް ނިންމާފަ އެވެ.

ނަމަވެސް ފިލްމުގެ އަނެއް ޕްރޮޑިއުސަރު ރީއާ ކަޕޫރާއި އެކްތާ އެންމެފަހުން މިވަނީ އެދެމީހުން ގުޅިގެން ފިލްމު އުފައްދަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އެކްތާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވަނީ މި ފިލްމު އޭނާގެ ޕްރޮޑަކްޝަން ކުންފުނި، ބަލާޖީ މޯޝަން ޕިކްޗާސްއިން މި މަޖާ ފިލްމު އުފައްދަން ނިންމާފައިވާ ކަމަށެވެ.

އަދި އެކްތާ ނޫސްތަކަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ ވޭތުވެދިޔަ އަހަރު އޭނާގެ ކުންފުނިން އުފެއްދި ގިނަ ފިލްމުތައް ފްލޮޕްވެ ބޮޑު ގެއްލުމާ ކުރިމަތިވުމުން "ވީރޭ ދި ވެޑިން" ކަހަލަ ބޮޑު ބަޖެޓަކުން އުފައްދާ އަގު ބޮޑު ފިލްމެއް އުފައްދަން އޭނާގެ ފުރަތަމަ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ރީއާ އާ ވާހަކަދައްކައި އަދި މިހާތަނަށް ހުސް ބަތަލާއިން ފެނިގެންދާ ފިލްމެއް އުފައްދާފައިވާ ނުވުމާއި ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ގަޔާވުމުން އޭނާ ފިލްމު އުފައްދަން އާނބަސް ބުނީ ކަމަށް ބުނެފަ އެވެ.

"މިއީ ހުސް އަންހެނުން ތަކެއް ފެނިގެންދާ ފުރަތަމަ ފިލްމު. މިހާތަނަށް ފިރިހެން އެކްޓަރުންނަށް ހާއްސަ ފިލްމުތައް ވަނީ އުފައްދާފައި. މިސާލަކަށް "ދިހްޗާ ހަތާހޭ" އާއި "ޒިންދަގީ ނާ މިލޭނގީ ދޮބާރާ" އަކީ އެފަދަ ފިލްމުތައް" އަންހެނުންނަށް ހާއްސަ ފިލްމެއް އުފައްދަން ފުރިހަމަ އަށް ތައްޔާރަށް ހުރި ކަމަށް ބުނަމުން އެކްތާ ބުނެފައިވެ އެވެ.

ކަރިނާ އާއެކު ފިލްމުގެ ބަތަލާގެ ރޯލުން ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ވެސް ފެނިގެންދާނެ އެވެ. ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ކަރީނާ އަންނަނީ ވިހައިގެން އޭނާގެ ގައިގައި ޖެހި މަސްތައް ވިރުވާލުމުގެ މަސައްކަތް ކުރަމުންނެވެ.