ދުނިޔެ

ޓްރަމްޕްގެ ވެރިކަމަށް 100 ދުވަސް، މީޑިއާއަށް ވަރުގަދަ ރައްދެއް

Apr 30, 2017
2

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ވެރިކަމަށް 100 ދުވަސް ފުރުން ފާހަގަ ކުރެއްވުމަށް އިއްޔެ މަގުމައްޗަަށް ނުކުމެވަޑައިގެން އޭނާއަށް ފާޑުކިޔާކިޔާ ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.

ވެރިކަަމަށް 100 ދުވަސް ފުރުން ފާހަގަކުރެއްވުމަށް ޓްރަމްޕް ބޭއްވެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބޭއްެވެވި އެއްވުންތައް ފަދަ އެއްވުމެކެވެ. ޕެންސިލްވޭނިއާ ސްޓޭޓްގެ ހެރިސްބާގްގައި ބޭއްވެވި އެ އެއްވުމުގައި ބައިވެރިވި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަސައްކަތް އަދި ކިރިޔާ ފެށްޓެވުނީ ކަމަށެވެ. ވެރިކަމުގެ 100 ދުވަހު ޓްރަމްޕަށް ހޯއްދެވިފައި ވަނީ ވަރަށް ދަށް ނަތީޖާތަކެއް ކަމަށް ބުނާ ރިޕޯޓްތައް އެމެރިކާގެ ބޮޑެތި މީޑިއާތަކުން ފާއިތުވި ދެތިން ދުވަހު ވަނީ ގެނެސްދީފައެވެ. އެ މީޑިއާތަކަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ އެއީ " ގާބިލު ކަމެއް، ތެދުވެރިކަމެއް ނެތް މީޑިއާތަކެއް" ކަމަށެވެ.

މީޑިއާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މީޑިއާގެ ޒިންމާއަކީ އިޚުލާސްތެރިކަމާއި އެކު ތެދު ގެނެސްދިނުން ކަމުގައި ވާނަމަ، އެ ޒިންމާ އަދާކުރުމުގައި މީޑިއާތަކަށް ލިބިފައި ވަނީ ފެއިލްވާ ފަދަ ދަށް މާކްސްތަކެއް ކަމަަށެވެ.

ވެރިކަމުގެ 100 ދުވަހުގެ ކާމިޔާބީގެ ލިސްޓެއް ވެސް އެއްވުމުގައި ޓްރަމްޕް ވިދާޅުވެދެއްވިއެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސުޕްރީމްކޯޓްގެ ބެންޗުން މަދުވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅެއްގެ ނަން ޕާލަމެންޓަށް ހުށަހަޅުއްވައި ފާސްކުރެއްވުމާއި ވިޔަފާރިއާއި ތިމާވެށްޓާ ބެހޭ ގަވާއިދުތައް ފާސްކުރެއްވުން ހިމެނެއެެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރެއްވުމުގެ ސަބަބުން އެމެރިކާއަށް ގަވާއިދާ ހިލާފަށް އެތެރެވާ މީހުންގެ އަދަދު މަދުކުރެވިފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މެކްސިކޯއާ އެމެރިކާއާ ދެމެދު ލައްވަން އުޅޭ ފާރުގެ މަސައްކަތާ މެދު އިއްޔެގެ އެއްވުމުގައި ޓްރަމްޕް އަނެއްކާވެސް ޔަގީންކަން ދެއްވިއެވެ.

" އަހަރެމެން ފާރު ބިނާކުރާނަން. އެކަމާ ކަންބޮޑުވެސް ވާނެކަމެއް ނެތް،" ޓްރަމްޕް ވިދާޅުވިކަމަަށް ރޮއިޓާސްގެ ރިޕޯޓްގައި ވެއެވެ.

ޓްރަމްޕްގެ ވެރިކަމަށް 100 ދުވަސް ފުރުމާ ދިމާކޮށް ރޮއިޓާސް އަށް ދެއްވި އިންޓައިވުއެއްގައި އޭނާ ވިދާޅުވެފައި ވަނީ ރައީސްކަމަކީ ހީކުރެއްވި ވަރަށް ވުރެ ބުރަ ކަމެެއް ކަމަށެވެ.

"އަހަރެން ލޯބިކުރަން އަހަރެންގެ ކުރީގެ ދިރިއުޅުމަށް. މިއީ އަހަރެންގެ ކުރީގެ ދިރިއުޅުމަށް ވުރެ މާ ގިނަ މަސައްކަތް. އަހަރެން ހީކުރީ މިއަށްވުރެ ފަސޭހަވާނެ ކަމަށް،" ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.