ހަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާ ބެހޭ މައުލޫމާތު ޕީޖީއާ ހިއްސާ ކުރަން ފަށައިފި

  • ރިޕޯޓް އާންމު ކުރާނީ ޕީޖީއާ ހިއްސާކުރުމަށް ފަހު
  • އޭސީސީގެ ތަހުގީގު ވަނީ އެކީ ނިމިފައި
  • ޕްރޮސިކިއުޝަންއަށް ދުވަސް ނަގާނެ

ރާއްޖެ ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހާ ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. އެ ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓު އާންމު ކުރާނެ އެވެ.

އެކަމާ ގުޅިގެން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގެ ތަހުގީގުގެ ރިޕޯޓު ވީހާވެސް އަވަހަށް އާންމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިއަދަށް ފެށިފައި ވަނީ އެ މައްސަލަ ނިމުމަށް ފަހު ޕީޖީ އޮފީހުގެ ވަކީލުންނަށް އޭސީސީން ހިއްސާ ކުރަން ޖެހޭ ތަހުގީގުގެ މައުލޫމާތުތައް ހިއްސާ ކުރުމުގެ މަސައްކަތް ކަމަށެވެ.

"ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ކުރަން ޖެހޭ ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް މިއަދު ހެނދުނު 10:30 އިން ފެށިގެން މި ކުރިޔަށް ދަނީ. މި ތަހުގީގެ ބޮޑުމިނަށް ބަލާއިރު ދެ ދުވަހެއްގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން. ނަމަވެސް މި ހަފްތާ ތެރޭގައި ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް ނިންމާލެވޭތޯ މި ބަލަނީ،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ޕީޖީގެ ވަކީލުންނާ މައުލޫމާތު ހިއްސާ ކުރުމަށް ފަހު އެ އޮފީހަށް ރަސްމީކޮށް މައްސަލަ ހުށަހަޅާނެ ކަމަށާއި އެ މައްސަލަ ޕީޖީއިން ބަލައިގަތުމުން ހިޔާނާތުގައި ޝާމިލްވާ ފަރާތްތަކަށް ސިޓީއަކުން މައްސަލަ ނިންމި ގޮތް އަންގާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓު އާންމު ކުރާނީ އެ މަރުހަލާތަކަށް ފަހުގައި ކަމަށާއި އެކަމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ސީދާ ދަންނަވާކަށް ނޭންގޭ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

އެ ހިޔާނާތާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެ ހިޔާނާތުގެ ސަބަބުން އެމްއެމްޕީއާރުސީގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އޭސީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގެއްލުނު ފައިސާގެ އަދަދު އޮޑިޓް ރިޕޯޓްގައިވާ އަދަދާ ތަފާތެއް ނެތެވެ.