ލައިފްސްޓައިލް

ހެސްކިޔާފައި ކަސްރަތު ކުރާއިރުވެސް ނުހިކޭ؟

May 1, 2017

ކަނީ ރަނގަޅު ތަކެއްޗެވެ. ކޮންމެ ދުވަހަކު ކަސްރަތުވެސް އެބަ ކުރެވެ އެވެ. އެކަމަކު ކައްޓާއަށް އަރާލީމާ އެކަމެއް ނުއެއް ފެނެއެވެ. މިއީ ގަވާއިދުން ކަސްރަތުކުރާ ވަރަށް ގިނަ ބައެއްގެ ޝަކުވާއެވެ. މި ޝަކުވާ ކުރަން ގިނަ ފަހަރު ޖެހެނީ ވަރަށް ބާރަށް ހިކެމުން ގޮސް ވަކި ހިސާބަކުންނެވެ. ބޮޑަށް ހިތްދަތިވަނީ އެހެންވެއެވެ. ފިޓްނަސް ދާއިރާގެ ތަޖުރިބާ ކާރުން މިއަށް ކިޔަނީ "ވެއިޓްލޮސް ޕްލެޓޫ" އެވެ.

މިހެން ދިމާވިޔަސް އަދި ކަސްރަތު ކުރުން ހުއްޓަައިލަން ގާތްވެސް ނުވެއެވެ. ކޮށްލަންވީ ކުޑަ ހިތްވަރެކެވެ.

"ވެދާނެ އެއީ ޕްރޮސެސްގެ [ސަރުބީ ވިރުވުމުގެ ޕްރޮސެސް] ގެ ބައެއް ކަމަށް. ބަރުދަން ލުއިވާއިރު ވިރުވަނީ ސަރުބީ. އެކަމަކު ހަމަ އެއާއެކު ހަރު މަސްތައް ވެސް ވިރޭ. މަސްތައް ވިރި މަހުގެ އޮނިގަނޑު ކުޑަވޭ. ހަމަ އެއާއެކު މެޓަބޯލިޒަމް ވެސް ދަށްވޭ،" އުޅެ އުޅެވެސް ނުހިކޭ ހިސާބަކަށް ދާ ގޮތް ކިޔައި ދެއްވަމުން ކެރޮލިން ސިޑާކްއިސްޓް ވިދާޅުވެފައި ވެއެވެ.

އޭނާއަކީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ނޭޕްލްސްގައިވާ ސިޑާކްއިސްޓް މެޑިކަލް ވެލްނަސް ސެންޓަރުގެ މެޑިކަލް ޑައިރެކްޓަރެވެ.

ކުރަންވީ ކަމަކީ؟

ކުރަންވީ ކަމަކީ ބަދަލެއް ގެނައުމެވެ. މާބޮޑު ބަދަލެއް ނޫނަސް ހެވެ. ކުރިއަށް ވުރެ ތަންކޮޅެއް އިތުރަށް ކަސްރަތު ކޮށްލުން ނުވަތަ ހަށިގަނޑަށް ޕްރޮޓީން ލިބިދޭ މިންވަރު އިތުރު ކޮށްލަންވީ އެވެ. އޭރުން އަނެއްކާވެސް ހިކެން ފަށާނެ އެވެ. ތަންކޮޅެއް ތަފުސީލުކޮށް މިވާހަކަ ދައްކަމާ ހިނގާށެވެ.

ހަށިގަނޑު ވަރުގަދަ ކުރާ ކަސްރަތުތައް ކުރުން

ހިތުގެ ހިނގުން އަވަސްކުރާ ކަސްރަތުތައް ނުވަތަ ކާޑިއޯ ކަސްރަތުތައް ކުރުމުން އަންދާލާ ކެލަރީގެ ބޮޑު ބަޔަކީ ކާބޯހައިޑްރޭޓްސް އިން ލިބިފައި ހުންނަ ކެލަރީ އެވެ. އެހެންވީމާ އެފަދަ ކަސްރަތުތަކަށް ފަހު ހަށިގަނޑުން އެދެމުންދާނީ އިތުރު ކާބޯހައިޑްރޭޓްސް ލިބިދިނުމަށެވެ.

ހެދޭ އަނެއް ގޯހަކީ ކަސްރަތާއެކު ލިބޭ ހައްދެއް ނެތް އިތުބާރެވެ. "މިހާރު މިއައީ ވަރަށް ކަސްރަތުކޮށްފަ. ދެން ކިތަންމެ ވަރަކަށް ކެޔަސް ރަނގަޅުވާނެ،" ބައެއް ފަހަރު މިހެން ވެސް ހިތަށް އަރައިފާނެއެވެ. މިކަމަށް އޮތް ހައެއްލެއް އެމެރިކާގެ ލޮސް އެންޖަލިސްގެ މަޝްހޫރު ޓްރެއިނާއެއް ކަމަށްވާ ސްޓީވް މޯޔާ ބުނެދެ އެވެ. އޭނާ ބުނާ ގޮތުގައި ކާޑިއޯ މަދުކޮށް، ހަށިގަނޑު ވަރުގަދަ ވާފަދަ ކަސްރަތުތައް (ސްޓްރެންތު ޓްރެއިނިން) އިތުރު ކުރުމަކީ ހައްލެކެވެ.

"މަސުލްސް އިތުރުވާ ވަރަކަށް ތިބާގެ ސަރުބީ ވިރޭ މިންވަރު ޕައުންޑްގެ ގޮތުން ދައްކައިދޭ ވަރު ލަސްވެދާނެ. އެކަމަކު ސަރުބީ ވިރޭނެ ވަރަށް ބާރަށް،" ހަށިގަނޑު ވަރުގަދަ ކުރާ ކަސްރަތު ކުރުމުން ވާގޮތް ކިޔައި ދެމުން މޯޔާ ބުނެފައި ވެއެވެ.

ކެވޭ ވަރު ގުނުން

ކެވޭ މިންވަރާއި ކެއީ ކޮންތަކެއްޗެއްކަން ލިއުމަށް ޑައިރީއެއް ގެންގުޅުމަކީ އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ނުކެއުމަށް ބާރަކަށް ވާނެ ކަމެކެވެ. އެމެރިކަން ޖާނަލް އޮފް ޕްރިވެންޓިވް މެޑިސިންގައި ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ ކާތަކެތީގެ ރެކޯޑް ބަލަހައްޓާ މީހުންނަށް ސަރުބީ ވިރުވޭ މިންވަރު އެނޫން މީހުންނަށްވުރެ ދެގުނަ އިތުރު ކަމަށެވެ. ޕްލެޓޫއަކާ ކުރިމަތިވެއްޖެ ނަމަ ރެކޯޑް ބެލެހެއްޓުމާއި ރެކޯޑަށް ރިއާޔަތްކުރުން ކުރިއަށް ވުރެ އިތުރު ކުރަން ޖެހޭނެ އެވެ.

ކެއުމުގެ ރެކޯޑް ބަލަހައްޓަމުން ކާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މާބޮޑަށް ބަނޑުހައިވަންދެން ނުކައި ނުހުރުމާއި ޕްރޮޓީން ލިބޭ ބާވަތެއް ކޮންމެ ގަޑިއެއްގެ ކެއުމުގައި ވެސް ހިމެނުމެވެ. ޕްރޮޓީން ގިނައިން އެކުލެވޭ އެއްގަމުމަހާއި ބިސް ފަަދަ ބާވަތްތައް ގިނައިން ބޭނުންކުރާ ނަމަ ބަނޑުހައިވާލެއް ވެސް ލަސްވާނެ އެވެ. އެހެންވީމާ ކެލަރީ ނެގޭ މިންވަރުވެސް މަދުވާނެ އެވެ.

ކޮންމެ ދުވަހަކު ކަސްރަތު ކުރުން

ގިނަ އިރުވަންދެން ކަސްރަތު ކުރާ ނަމަ، އެއީ ކޮންމެ ދުވަހަކު ކުރެވޭނެ ކަމަކަށް ނުވާނެ އެވެ. އެއީ ކޮންމެ ދުވަހަކު ކުރުން ރަނގަޅު ކަމަކަށް ވެސް ނުވާނެ އެވެ. ބަރުދަން ލުއިކުރަން އުޅެންޏާ ރަނގަޅީ ކުޑަ އިރުކޮޅަކު ކަސްރަތު ކުރުމާއި ކޮންމެ ދުވަހަކު ގަވައިދުން ކަސްރަތު ކުރުމެވެ. ޑެންމާކްގެ ޔުނިވާސިޓީ އޮފް ކޯޕަން ހޭގަން އިން 2012 ވަނަ އަހަރު ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކޮންމެ ދުވަހަކު އެއް ގަޑިއިރު ކަސްރަތު ކުރާ މީހުންނަށް ސަރުބީ ވިރުވިފައި ވަނީ ދުވާލަކު ބައި ގަޑި އިރު ކަސްރަތު ކުރާ މީހުންނަށް ވެސް ވިރުވޭ މިންވަރަށެވެ.