ރިޕޯޓް

އިމާރާތް ކުރުމުގެ ކުއްލި އިންގިލާބު: ސިއްރަކީ ކޮބާ؟

  • އިމާރާތް ކުރުމުގެ ހުއްދަ 61 ޕަސެންޓް އިތުރު
  • މި ދާއިރާއަށް 400 މިލިއަން ޑޮލަރުގެ އިމްޕޯޓް
  • އިވެސްޓަރުންގެ އިތުބާރު ބޮޑުވުމުގެ ހެކިތައް ފެނޭ

މީގެ ހައެއްކަ އަހަރު ކުރިއަށް ބަލާއިރު ކުދި ކުންފުނިތައް ތިބީ ނޭވާ ހޮޅީގަ އެވެ. ހަމަނޭވާ ނުލެވިފަ އެވެ. މީގެ އެއް ސަބަބަކީ ސަރުކާރުން ކުރި އަށް ގެންދިޔަ މަޝްރޫއުތައް ބުރަކި ޖެހުމެވެ. އަނެއް ސަބަބަކީ ކުންފުނިތަކަށް ފައިސާ ލިބޭނެ ގޮތެއް ނެތުމެވެ. މި ސަބަބާ ހުރެ، އިގްތިސާދުގެ ދެވަނަ ތަނބު ކަމަށްވާ އިމާރާތް އޮތީ "ވެއްޓިފަ" އެވެ. ކުދި ކުންފުނިތައް ބިކަވެ، އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ. ނަމަވެސް ހާލަތު މިހާރު މިވަނީ ބަދަލު ވެފައެވެ. އިގްތިސާދީ ހިސާބު ކޮންމެ ގޮތަކަށް ޖެހިއަސް ފެންނަނީ އެއް އަދަދެކެވެ. އިމާރާތް ކުރުން ކުރިއަރައިފި އެވެ. ސުވާލަކީ މި ބަދަލު އައީ ކީއްވެގެން ހެއްޔެވެ؟

"މި ބަދަލު އައިސްގެން އުޅެނީ އިންވެސްޓާ ކޮންފިޑެންޑް މަތިވުމުން. އެހެންވެގެން ކޮންސްޓްރަކްޝަން ދާއިރާ ފުޅާ ވެގެން މި ދަނީ. ބޭންކު ތަކުން ފައިސާ ދޫކުރުން އިތުރު ވެގެން މިދަނީ. މިހާރު ރާއްޖެއަކީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ބަލާނަމަ ވެސް އޮތް އެންމެ އިންވެސްޓާ ކޮންފިޑެންސް ހައި އެއް ގައުމަށް ވާނެ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ ވަނީ ބޮޑެތި ކުރިއެރުން ތަކެއް ހޯދާފަ އެވެ. އެއް ސަބަބަކީ ފައިނޭންސް ހޯދުމަށް ފަސޭހަ ގޮތް ތަކެއް ލިބުމެވެ. އަނެއް ސަބަބަކީ ގެދޮރަށް އޮތް ޑިމާންޑް އިތުރުވުމެވެ. މީގެ އިތުރުން، އާ ރިސޯޓުތައް ތަރައްގީކުރުމަށާއި ރިސޯޓުތައް މަރާމާތުކުރުން އިތުރުވުމުން މި ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ދިޔުމާ ގުޅިގެން މިދިޔަ އަހަރު އަހަރު ގެސްޓްހައުސް އިމާރާތްކުރުމަށް ދޫކުރެވުނު ލޯނުގެ އަދަދު ވެސް ވަނީ ފާހަގަ ކުރެވޭ ވަރަށް އިތުރުވެފަ އެވެ.

ބޭންކުތައް ދީލަތިވީ ކީއްވެ؟

ދެން އޮތް ސުވާލަކީ ބޭންކު ތަކުން ފައިސާ ހޯދުމުގައި މިހާރު ފަސޭހަ ވެގެން ގޮސްފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ ރާއްޖޭގައި ކުރިން ވެސް އިމާރާތް ކުރުމުގެ ދާއިރާ އަށް އޮތް ޑިމާންޑު އެންމެ ތަންފުކެއް ވެސް ކުޑައެއް ނޫނެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި ބޭންކު ތަކުން ދޫކުރި ލޯނުތައް އިތުރުވި މައިގަނޑު ސަބަބަކީ ދޫދެވިފައިވާ މަނިޓަރީ ސިޔާސަތެކެވެ. މި ސިޔާސަތުގެ ނަތީޖާއަކީ އަމިއްލަ ފަރާތް ތަކަށް ދޫކުރި ލޯނުތަކުގެ އަދަދު 10 ޕަސެންޓް އިތުރުވެގެން ދިއުމެވެ. އަނެއް ކަމަކީ އިގްތިސާދާމެދު ފައިނޭންޝަލް ދާއިރާގެ އިތުބާރު ބޮޑުވުމެވެ. އަދި މީގެ ބޮޑު ބައެއް ކޮންސްޓްރަކްޝަން ދާއިރާއާ ދިމާލަށް ދިއުމެވެ. މިގޮތުން އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 24 ޕަސެންޓް އިތުރުވެފަ އެވެ. މިގޮތުން ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އިން އެކަނި ވެސް އެކި ކަންކަމަށް 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

ބޭންކުތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ފައިނޭންސް ހޯދަން ވަރަށް ފަސޭހަވެފައިވާ ކަމަށް ކުންފުނިތަކުންވެސް ބުނެ އެވެ.

ދެހާސް ނުވަ ވަނަ އަހަރު އިމާރާތް ކުރުމުގެ ދާއިރާއަށް ނުކުތް، ކުންފުންޏެއް ކަމަށްވާ އޭބީސީ ކުންފުނީގެ ވެރިޔާ ބިންމާ އަހުމަދު ވިދާޅުވީ ބޭންކުތަކުން މިހާރު ލޯނު ދޭން ޖެހިލުން ނުވާ ކަމަށެވެ.

"އެންމެ ގިނައިން މި ދެނީ ބޭންކް އޮފް މޯލްޑިވްސް އިން. މީގެ އިތުރު އެހެން ބޭންކު ތަކުން ވެސް ވަރަށް ފަސޭހަ މިހާރު ފައިސާ ހޯދަން. އެޗްޑީއެފްސީއިންވެސް ދޭ. ހަގީގަތުގައި އެންމެ ބޮޑު އެއް ސަބަބަކީ ލޯނު ލިބޭނެ ގޮތް ފަސޭހަވުން. މިހާރު ހުރިހާ ބޭންކްތަކުން ވެސް ދަނީ ވަރަށް ގިނަ އިން ލޯނު ދޫކުރަމުން،" އަހުމަދު ވިދާޅުވި އެވެ.

ކުންފުނިތައް ވަރުގަދަވުން!

އިމާރާތް ކުރުމުގެ ވާހަކަ ދައްކާއިރަށް ގިނައިން އިވެނީ އައިޖީއެމްއެޗް ނޫނީ ޗައިނާ- ރާއްޖެ ރަހުމަތްތެރިކަމުގެ ބްރިޖުގެ ނޫނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވާހަކަ އެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާގައި އަމިއްލަ ކުންފުނިތަކުގެ ބާރު ވަނީ ގަދަވެފަ އެވެ. މީގެ ހެއްކެއްގެ ގޮތުގައި މާލެ ތެރެ ބަލައިލުން ވެސް ފުދޭނެ އެވެ. އަދި މިވަރަކުން ނުފުދެ އެވެ. އެކަމަށް ހެކިދެނީ ފިގާތަކެވެ.

ރާއްޖެ އަށް އިމާރާތް ކުރަން ބޭނުންކުރާ ސާމާނު އެތެރެކުރި އަދަދަށް ބަލާއިރު އަމިއްލަ ކޮންޓްރެކްޓަރުން އުޅެނީ ކުރީގަ އެވެ. ދެހާސް ހަ ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށް ބަލާއިރު މި ފަރަގު ވަރަށް ރަނގަޅަށް ފެނެ އެވެ. މިގޮތުން 2006 ވަނަ އަހަރު 99 މިލިއަން ޑޮލަރުގެ ސާމާނު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އެތެރެ ކުރިއިރު، މިދިޔަ އަހަރު އެ އަދަދުވަނީ 270 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މި ބަދަލު ފެނުމުގެ މައިގަނޑު ސަބަބަކީ އިމާރާތް ކުރުން ފުޅާވެގެން ދިއުމެވެ.

ދޫކުރި ހުއްދަ 61 ޕަސެންޓް އިތުރު

ބޭންކުތަކުން ހައުސިން މަޝްރޫއު ތަކަށް ދޫކުރި ލޯނުގެ އަދަދު އިތުރުވިއިރު، އިމާރާތް ކުރުމުގެ ދާއިރާގެ އިންގިލާބު އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ މާލެ ސަރަހައްދުންނެވެ. ހައުސިން މިނިސްޓްރީގެ ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް މަރުކަޒީ ބޭންކުން ބުނި ގޮތުގައި މާލެ ސަރަހައްދުގައި އިމާރާތް ކުރަން މިދިޔަ އަހަރު 627 ފަރާތަކަށް ހުއްދަ ދޫކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 61 ޕަސެންޓް އިތުރުވުމެކެވެ. އަދި ބިމުން ފެންނަގާ ފެން ބޭނުން ކުރުމުގެ ހުއްދަ އަށް ނުވަތަ ޑީވޯޓަރިން އަށް އެކަނި ވެސް 176 ހުއްދަ ދީފައިވެ އެވެ. މި އަދަދު ވަނީ 26 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 547 ފަރާތަކަށް ދީފައިވެ އެވެ.

ރިއަލް އެސްޓޭޓް އާ ބާޒާރެއްގެ ފެށުން!

ކުރިން ރާއްޖޭގައި އާއްމުކޮށް އޮންނަނީ އަމިއްލަ ފަރާތްތަކުގެ ގެދޮރު ހެދުމެވެ. ނަމަވެސް މިކަމުގައި އޭރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެދޮރު ހެދިނަމަވެސް ކުންފުނިތަކަށް އޭގެން ގެނެވޭނެ މަންފާ ހަނިވުމެވެ. މިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ އިމާރާތް ކުރުމަށްފަހު ވަކި ފްލޯތައް ވިއްކޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. މި ކުޑަ ބަދަލާއެކު ރިއަލް އެސްޓޭޓްގެ މުޅިން އާ ވިޔަފާރިއެއް ހުޅުވިގެން ދިޔަ އެވެ. ރިއަލް އެސްޓޭޓް ވިޔަފާރި އަށް ހުޅުވުނު އަނެއް ދޮރަކީ ސަރުކާރުން ދިވެހި ކޮންޓްރެކްޓަރުން ބާރުވެރި ކުރުވަން އެޅި ހަރުދަނާ ފިޔަވަޅު ތަކެވެ. މިގޮތުން ހުޅުމާލޭގައި މެދު ފަންތި އާއި އެންމެ މަތީ ފަންތީގެ ބާޒާރަށް ހާއްސަކޮށް ގިނަ ފްލެޓުތަކެއް އަޅަން ހުޅުވާލުން ހިމެނެ އެވެ. މިގޮތުން "ރެއިންބޯ" އާއި "ދަމާސް" އަދި "އެޕޯލޯ" ގެ އިތުރުން "ބެޗް ކޮންސްޓްރަކްޝަން" އާއި "އެންސިސް" އަދި "އަމީން ކޮންސްޓްރަކްޝަން" އާއި "ޖައުޝާ" ފަދަ ގިނަ ކުންފުނި ތަކުން ވަނީ އިމާރާތް ކުރަން ހުޅުމާލޭގައި މަސައްކަތް ފަށާފަ އެވެ. މި ފްލެޓުތައް އަންނަ އަހަރު ނިމޭނެ އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "އަވަސް" އަށް ވިދާޅުވީ ސަރުކާރުގެ މި ބަދަލުގެ ސަބަބުން ހައުސިން ދާއިރާއިން އިންގިލާބެއް ފެންނަމުންދާ ކަމަށެވެ.

"މިއަދު މި ބަދަލުގެ ނަތީޖާއަކީ ބޭންކުތަކުން ވެސް އެކި ކަހަލަ ޕްރޮޑަކްޓްތައް ހަދައިގެން ހައުސިން މާކެޓަށް ނުކުތުން. މީގެ ނަތީޖާއަކީ ހައުސިން ނީޓްސް ބޭނުންވެފައި ތިބި މެދު ފަންތި އާއި މަތީ ފަންތީގެ މީހުންގެ ނީޓްސް ވެސް ފުރިހަމަވަމުން،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިންގާ ހައުސިން މި މަޝްރޫއުތަކުގެ ސަބަބުން ހަމައެކަނި ހައުސިން ބޭނުންތައް ފުދެމުންދަނީ އެންމެ މަތީ ފަންތީގެ މީހުން ނަށް އެކަންޏެއް ވެސް ނޫނެވެ. ދެވަނަ ފިޔަވަހީގައި މިހާރު ތަރައްގީ ކުރާ 7000 ފްލެޓަކީ އެންމެ ދަށުން އާމްދަނީ ލިބޭ މީހުންނަށް ހާއްސަ ފްލެޓް ތަކެވެ.

ސައިމަން ވިދާޅުވީ ހައުސިން މާކެޓު މިހާރު ބައްޓަން ވަމުންދަނީ ދުނިޔޭގެ އެހެން ގައުމުތަކޭ ވެސް އެއް އުސޫލަކުން ކަމަށެވެ.

"މި ކުރެވޭ ކަމަކީ މަސައްކަތްތެރި ޒުވާނުންނަށް ފުރުސަތު ދިނުން. މިދެވޭ މެސެޖަކީ އެހެނިހެން ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިކަން އޮންނަ ގޮތަށް ކުރިއަށް ގެންދިއުން،" ސައިމަން ވިދާޅުވި އެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ބާޒާރުގައި ބޭރުގެ ކުންފުނިތަކުން ވެސް ދަނީ އިންވެސްޓް ކުރަމުންނެވެ. މިގޮތުން ސްރީލަންކާ އާއި އިންޑިޔާގެ އިތުރުން ތުރުކީ ފަދަ ގައުމުތަކުގެ ކުންފުނިތައްވެސް މި ލިސްޓުގައި ހިމެނެ އެވެ. މި ގައުމުތަކަކީ ރާއްޖެއަށް ވުރެ އިމާރާތް ކުރުމުގެ ދާއިރާގެ ޑިމާންޑް އެތައް ގުނައެއް މަތި ގައުމުތަކެވެ. އަދި އާބާދީގެ ގޮތުން ވެސް ބޮޑެވެ. ނަމަވެސް ސުވާލަކީ މި ކުންފުނިތައް ރާއްޖޭގެ ހައުސިން ބާޒާރުގައި އިންވެސްޓް ކުރަނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖޭގައި 3000 ފްލެޓް އަޅަން، ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސް އާއެކު މަސައްކަތް ކުރާ ސީލައިފް ގްލޯބަލްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ވިދާޅުވީ ބޭރު ކުންފުނިތައް ހައުސިން ބާޒާރުގައި އިންވެސްޓް ކުރުމުން ދައްކުވައިދެނީ އިންވެސްޓާ ކޮންފިޑެންސް ކަމަށެވެ.

"ބޭރުގެ ކުންފުންޏެއް ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި އަންނާނީ ކޮންފިޑެންސް އޮތުމުން. އެހެންވެ މީގެން އެނގެނީ އިންވެސްޓާ ކޮންފިޑެންސް،" އަހުމަދު ވިދާޅުވި އެވެ

ކޮންމެއަކަސް އިމާރާތް ކުރުމުގެ ދާއިރާ އަދިވެސް ހުރީ މައްޗަށެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ވިޔަފާރީގެ ވެށި ބައްޓަންވަމުން އަންނަ ގޮތެވެ. އަދި މި ދާއިރާއަށް ހާއްސަކޮށް ލޯނުތައް ދޫކުރުން އިތުރުވުން މިއީ ހައުސިން ބާޒާރަށް އަންނާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބަލަން ޖެހެ އެވެ.