- މި ވިޔަފާރިއަށް ގާނޫނެއް ބޭނުންވޭ
- ލޯނުގެ އިންޓަރެސްޓް ކުޑަ ކުރަން ޖެހޭ
- އިމާރާތް މާކެޓަށް ނެރޭއިރު ސަމާލުވާން ޖެހޭ
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ތާރީހު ބަދަލުކޮށްލައިފި އެވެ. މިއީ ހަމަ ހުރެފަ ބުނެލާ އެއްޗެއް "ޔޯލަ ޔޯލަ" ވާހަކައެއް ނޫނެވެ. އިމާރާތް ކުރުން ތަރައްގީ ވެގެން ދިއުން ދައްކަނީ ހިސާބުންނެވެ. އަމިއްލަ ކުންފުނިތައް ކުރިއަށް ދުއްވައި ގެންފި އެވެ. މީގެ ތެރެއިން "ކުއްލި އުފަންވުމެއް" ފެނިގެން ދިޔައީ ރާއްޖެ އަށް ތައާރަފުވި "ރިއަލް އެސްޓޭޓް" ނުވަތަ އިމާރާތް ގަނެވި ވިއްކާ ބޮޑު ބާޒާރެކެވެ. ނަމަވެސް އަދި މި ދާއިރާ އޮތީ ރޮލާ އެވެ؟
"ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިއެއްގެ ގޮތުގައި މި ފެށުނީ. އެކަމަކު މި ދާއިރާ އަދި ވަރަށް އާ. ގިނަ ކަންތައް ތަކެއް ދާއިރާ ތަރައްގީވުމަށް އަދި ބޭނުންވޭ،" ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރެއިންބޯ ކުންފުނީގެ ވެރިޔާ، ކުރީގެ ހައުސިން މިނިސްޓަރު އިބްރާހިމް ރަފީގު ވިދާޅުވި އެވެ.
ރާއްޖޭގެ އިމާރާތް ކުރުން އިތުރު ވެގެން އައި ގޮތަށް ބަލާއިރު އެއް މިސާލަކީ މާލެގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކުރި އަދަދު އިތުރުވެފައިވުމެވެ. ހައުސިން މިނިސްޓްރީގެ ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް މަރުކަޒީ ބޭންކުން ބުނި ގޮތުގައި މާލެ ސަރަހައްދުގައި އިމާރާތް ކުރަން މިދިޔަ އަހަރު 627 ފަރާތަކަށް ހުއްދަ ދޫކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 61 ޕަސެންޓް އިތުރު ވުމެކެވެ. އަދި ބިމުން ފެންނަގާ ފެން ބޭނުން ކުރުމުގެ ހުއްދަ އަށް ނުވަތަ ޑީވޯޓަރިން އަށް އެކަނި ވެސް 176 ހުއްދަ ދީފައިވެ އެވެ. މި އަދަދު ވަނީ 26 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 547 ފަރާތަކަށް ދީފައިވެ އެވެ.
ވަކިވަކި ތަންތަނަށް ބަލާއިރު ހުޅުމާލެ ފެންނަން ފަށާފައިވަނީ ރިއަލްއެސްޓޭޓް ވިޔަފާރީގެ މައި ހަބެއްގެ ގޮތުގަ އެވެ. ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ޕްލޭނަށް ބަދަލު ގެނެސް ފެށި މަސައްކަތާއެކު ފެނިގެން ދިޔައީ މުޅިން އާ ބާޒާރެއް އުފެދިގެން ދިޔަ ތަނެވެ. ހުޅުމާލެ އަށް އެކަނި ބަލާނަމަވެސް މެދު ފަންތި އާއި އެންމެ މަތީ ފަންތީގެ ގިނަ ފްލެޓުތަކެއް ވަނީ ބާޒާރަށް ނެރެ ތަރައްގީ ކުރަން ފެށިފަ އެވެ. އެގޮތުން "ރެއިންބޯ" އާއި "ދަމާސް" އަދި "އެޕޯލޯ" ގެ އިތުރުން "ބެޗް ކޮންސްޓްރަކްޝަން" އާއި "އެންސިސް" އަދި "އަމީން ކޮންސްޓްރަކްޝަން" އާއި "ޖައުޝާ" ފަދަ ގިނަ ކުންފުނި ތަކުން ވަނީ އިމާރާތް ކުރަން ހުޅުމާލޭގައި މަސައްކަތް ފަށާފަ އެވެ. މި ފްލެޓުތައް އަންނަ އަހަރު ނިމޭނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަން ވަނީ ނިމުމަކާ ގާތްވެފަ އެވެ.
ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާވެގެން ގޮސް އެއް ފަހަރާ ގިނަ އަދަދެއްގެ ފްލެޓުތައް ވަނީ ބާޒާރަށް ނުކުމެފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހައުސިން ބާޒާރުގައި އިން ބެލެންސެއް އެބައޮތެވެ. އޭގެ އެއް ސަބަބަކީ ކުރިން މެދުފަންތި އާއި މަތީ ފަންތީގެ ހައުސިންއަށް ދީފައިވާ އިސްކަން ކުޑަވުމެވެ.
"ގެދޮރު ބޭނުންވެފައި ތިބި އެތަށް ބަޔަކު އެބަތި މެދުފަންތީގައި ވެސް. އެހެންވެ މި ކަމަށްޓަކައި ގިނަ އަދަދެއްގެ ފްލެޓުތަކެއް ބާޒާރަށް ނެރެން ނިންމީ،" ސައިމަން ވިދާޅުވި އެވެ.
ފްލެޓު ނެރޭއިރު ސަމާލުވުން މުހިންމު!
ހުޅުމާލެ އަށް ބަލާއިރު މިހާރު އެތައް ސަތޭކަ ފްލެޓެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދެ އެވެ. މީގެ ތެރޭގައި ގިނައީ ކުރިން އާއްމުކޮށް ނުފެންނަ މެދު ފަންތި އާއި މަތީ ފަންތީގެ ފްލެޓުތަކެވެ. މިގޮތުން ބިންގާ އަޅައިގެން މިވަގުތު އެކަނިވެސް ބޮޑެތި ތަންތަން އެބަ މަސައްކަތް ކުރެ އެވެ. ސުވާލަކީ އެއްފަހަރާ ގިނަ އަދަދެއްގެ ފްލެޓުތައް މާކެޓަށް "އަޅައިލުމުން" ފްލަޑުވުމުގެ އޮތީ ކިހާ ވަރެއްގެ ފުރުސަތެއް ހެއްޔެވެ؟
"ފައިނޭންޝަލް އެކްސްޕޯ" ފޯރަމްގައި ވާހަކަ ދައްކަވަމުން ރެއިންބޯގެ ވެރިޔާ ރަފީގު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ފްލެޓުތައް ނެރޭއިރު ވިސްނަން ޖެހެ އެވެ.
"ސިންގަޕޫރު ފަދަ ގައުމުތަކުގައި 30 އަހަރު ވަރަށް ބަހާލައިގެން މިކަން ކުރަނީ. ނަމަވެސް ރާއްޖެ ތަފާތު. ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރިއެއްގެ ގޮތުގައި އުފެދިގެން އައުމާއެކު، ގިނަ ފްލެޓުތަކެއް ނެރެވިއްޖެ. މިއީ ވިސްނަން ޖެހޭ ކަމެއް،" ރަފީގު ވިދާޅުވި އެވެ.
ރާއްޖޭގެ ހައުސިން ބާޒާރުގައި މިހާތަނަށް އެފަދަ ދިރާސާއެއް ހެދިފައެއް ނެތެވެ. އެކަން އެޗްޑީސީގެ އެމްޑީ ސައިމަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންވެ އެޗްޑީސީން ދިރާސާއެއް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް ފެންނަ ފެނުމުން ފްލެޓުތައް ނެރުމުން ކުންފުނިތަކަށް ފްލެޓު ވިއްކަން ދަތިތަކެއް އުޅޭކަން އެނގިފައެއް ނެތެވެ.
އިމާރާތް މެނޭޖުކުރުން ގޮންޖެހުމަކަށް ވާނެ!
ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިއަށް ހާއްސަ ގާނޫނެއް ނެތެވެ. މި ވިޔަފާރި ފުޅާވެގެން ގޮސްފައި މިވަނީ ބިނާބެހޭ ގާނޫނަށް 2015 ވަނަ އަހަރު ސަރުކާރުން ގެނައި ބަދަލަކާއެކުގަ އެވެ. މި ވިޔަފާރި ފުޅާވެގެންދާއިރު އެކަށީގެންވާ ގާނޫނީ ބާރުވެރިކަން ނެތުން މިއީ ދިމާވާނެ ބޮޑު ގޮންޖެހުމެވެ. މިސާލަކަށް 150 ނޫނީ 200 އެޕާޓްމަންޓުގެ ބޮޑެތި ތަންތަން ތަރައްގީކޮށް ނިންމުމަށްފަހު މީހުން ވައްދާ ހިސާބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މި ވިޔަފާރީގައި ވިއްކާ ތަންތަނަށް އެތަށް މިލިއަން ރުފިޔާއެއް އިންވެސްޓް ކުރުމަށްފަހު ތަން މެނޭޖުކުރަން އިތުރު ފައިސާ ދައްކަން ޖެހުންވާނީ ގޮންޖެހުމަކަށެވެ. އެހެންކަމުން މިފަދަ ކަންކަން ވެސް ތަފުސީލުކޮށް އެނގޭނެ ގޮތަށް ގާނޫނެއް ވަރަށް އަވަހަށް އަންނަން ޖެހެ އެވެ.
ލޯނު ލިބޭނެ ލުއި ގޮތްތަކެއް ބޭނުންވޭ!
އެޕާޓްމަންޓް އަޅާ ކުންފުންޏަށް ބިން ލިބޭ ހިސާބުން އެތަން "ވިއްކަން ފަށަ" އެވެ. އަދި ގަންނަން ބޭނުންވާ މީހާގެ އަތުން 20 ޕަސެންޓް ނެގުމަށް ފަހު ބާކީއޮތް ބައި މި ޖެހެނީ ވަކި އަދަދެއްގެ ޕަސެންޓެއް ލައިގެން ބަހާލައިގެން ދައްކާށެވެ. ރާއްޖޭގެ ބާޒާރުގައި އިންޓަރެސްޓް ރޭޓު ހުރި ގޮތަށް ބަލާއިރު އެވްރެޖު ގޮތެއްގައި އުޅެނީ ނުވަ ޕަސެންޓާއި 12 ޕަސެންޓުން މަތީގަ އެވެ. މިއީ މައްސަލަ ޖެހޭ ހިސާބެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވި ގޮތުގައި ގެދޮރު ހެދުމަށް މިހާރު މަތީ އިންޓްރެސްޓް ރޭޓުގައި ދޫކުރަމުން ގެންދާ ލޯނުތައް އަގު ހެޔޮ ކުރަން ޖެހެ އެވެ.
"ގެދޮރުވެރިކަމާ ނުލައި ވެސް ގައުމުގެ އިގްތިސާދު ވަރަށް ބާރަށްކުރިއަށް ގެންދެވިދާނެ. އެހެން ނަމަވެސް ރައްޔިތުންގެ ދިރިއުޅުމު ފެންވަރު މަތި ކުރެވޭނީ ރައްޔިތުން ބާރުވެރި ކުރެވޭނީ ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ގެނެސްދެވޭނީ އެންމެންނަށްވެސް އަމިއްލަ ގެދޮރު ލިބިގެން،" ގަވަރުނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަން ކުރެވެން އަންނަނީ ރާއްޖޭގައި މިހާރު ތަރައްގީވެ ކުރިއަރަމުން އަންނަ ހައުސިން ބާޒާރަށް އެކަށީގެންވާ ގޮތެއްގައި ލޯނު ލިބޭނެ ގޮތް ހަމަޖެހިގެނެވެ.
"މިކަން ކުރެވޭނީ ހައުސިން ޕޮލިސީ އާ އެގޮތަށް ބައްޓަން ކުރެވިގެން. ކޮންސްޓްރަކްޝަންގެ ހަރަދު ކުޑަ އަތް ފޯރާ ފަށަށް ކުޑަ ކުރެވިގެން. ކޮންސްޓްރަކްޝަން ކުންފުނިތަކަށް މާލީ އިދާރާ ތަކުން ކުޑަކޮށް ލޯނު ލިބޭނެ މަގު ފަހިވެގެން،" އަޒީމާ ވިދާޅުވި އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރިއެއްގެ ގޮތުގައި ދަނީ ފުޅާވަމުންނެވެ. ނަމަވެސް މި ދާއިރާއަށް އިތުރު އެހީތެރިކަން ބޭނުންވެ އެވެ. ހާއްސަކޮށް ގާނޫނީ އެހީތެރިކަމާއި ފައިނޭންޝަލް ސްޕޯޓު މުހިންމުކަން ބޮޑެވެ.