ކޮވިޑަށްފަހު އިގްތިސޯދު ރަނގަޅުވާން ފަށައިފި އެވެ. މި ބަލީގައި އެންމެ ގެއްލުންވި ޓޫރިޒަމް ރީބައުންސް ނުވަތަ އެނބުރި އަންނަތަން ލޮލޮކޮޅުން ފެންނަމުންދިޔަ ނަމަވެސް ރާއްޖޭގެ ދެވަނާގައި އޮތް އިމާރާތް ކުރުމުގެ ދާއިރާ މި ފެންނަނީ ރަނގަޅުވުމުގެ ދުވެލި ލަސްކޮށެވެ. މީގެ ސަބަބެއް ވެސް އޮންނާނެ އެވެ. އަދި މިކަން ރަނގަޅު ކުރެވޭނެ ފޯމިއުލާއެއް ވެސް އޮންނާނެ އެވެ.
މި ދާއިރާ ރަނގަޅު ކުރަން ކުރެވޭނެ ކަމެއް ވެސް އޮންނާނެ އެވެ. އެކަމަކީ ކޮބައި ހެއްޔެވެ؟ މި ދާއިރާ އަށް ކުރިމަތިވެފައިވާ މައްސަލަ ތަކަކީ ކޮބައި ހެއްޔެވެ؟
"ޓޫރިޒަމް ރަނގަޅުވުމަކީ އިގްތިސޯދަށް ކުރިއެރުން ލިބޭނެ ކަމެއް. އެކަމަކު މިއީ ހުރިހާ ކަމެއްގެ ހައްލެއް ނޫން. ޓޫރިޒަމް ރަނގަޅުވީ ނަމަވެސް ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެލި ވަރަށް ދަށް. މިކަމަށް ސަރުކާރުން އެޑްރެސް ކުރަން އެބަޖެހޭ،" ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސްވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
މަސައްކަތެއް ނެތި ގޮތްހުސްވި ކޮވިޑުގެ ފުރަތަމަ އަށެއްކަ މަސްތެރޭގައި ކުދި އެތަށް ކޮންސްޓްރަކްޝަން ކުންފުންޏެއް "ފަނާ" ވެގެން ހިނގައްޖެ އެވެ. މި ދާއިރާގައި ތިބި ދިވެހިންގެ މޭސްތިރި ކަމުގައި ހިންގި ކުދި ކުންފުނިތައް ފަނާ ވެގެން ދިޔައިރު މިބައި ފޫބަށްދަނީ ބިދޭސީންނެވެ. އެހެންވެ މިކަންވަނީ ބޮޑެތި ކުންފުނިތަކަށްވެސް ޗެލެންޖަކަށެވެ. ދިވެހި ކުންފުނިތައް ބަލިވީ ވަގުތު މި ބަޔަކަށް ބިދޭސީންވެރިވެ ގެންފި އެވެ.
މީގެ އެއްކަމަކީ "ހިޔާ ފްލެޓް"ގެ ފިނިޝިން މަސައްކަތެވެ. ދިވެހި ކުދި ކުންފުނިތަކުން ކޮޅަށް ތެދުވަން ރަނުގެ ފުރުސަތެއްގެ ގޮތުގައި މިކަން ޕްލޭން ކުރުމުގެ ބަދަލުގައި ސަރުކާރުން އަޅާނުލުމުގެ ނަތީޖާއަކަށްވީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ ފިނިޝިން މަޝްރޫއުގެ ބޮޑު މަސައްކަތް ބިދޭސީންގެ އަތް މައްޗަށް ދިއުމެވެ. ދިވެހި އޯނަރަކަށް މަސައްކަތް ލިބުމުގެ ބަދަލުގައި ބިދޭސީއެއްގެ އަތްމަތިން ގައުމުން ބޭރުވާ ފައިސާއަކަށް މިކަން ވެގެން ދިއުމެވެ.
ކުދި ކުންފުނިތަކެއް "ފަނާ" ވެއްޖެ
ކޮވިޑް ބަލީގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާ އަށް އެތަށް "ރާނާ" އެއް ނުކުމެއްޖެ އެވެ.
"މި ދާއިރާގެ ބެލުންތެރިކަން މި ފެނުނީ ހިޔާ ފްލެޓުން. ކުރީބައިގައި ކުދި ދިވެހި ކުންފުނިތަށް ކޮޅަށް ޖަހަން ހަގީގަތުގައި މި މަސައްކަތް ބޭނުން ކުރެވުނީސް. މި މަސައްކަތަށް ރަނގަޅު ފައިނޭންސް ދީގެން ހަމަ ރަނގަޅު އަގެއްގައި މިކަން ކުރެވުނީސް. އެހެން ހެދިނަމަ ކުންފުނިތަކަށް ރަނގަޅު ފައިދާއެއްވެސް ލިބޭނެ."
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އެންމެ ފަހުން ނެރުނު ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އަހަރުގެ ހައެއްކަ މަހަށް ބަލާނަމަވެސް ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އަށް އެތެރެކޮށްފައިވަނީ 22 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަދަދު ކޮވިޑުގެ މިދިޔަ އަހަރާ އަޅާ ކިޔާނަމަ 32 ޕަސެންޓުގެ ކުރިއެރުމެއް ހޯދަ އެވެ. ނަމަވެސް މި އަދަދަކީ މުޅި އަހަރު ދުވަހަށް ބަލާނަމަ ނިސްބަތުން މަދު އަދަދެކެވެ. މި އިންޑިކޭޓާސްތަކުން އެނގެނީ މި ދާއިރާގެ ކުރިއެރުން ލަސް ކަމެވެ. މުޅި ދާއިރާ އަށް ބަލާއިރު ކުރިއެރުންތަކެއް ލިބުނުނަމަވެސް ދާއިރާގައި ހުރި މައްސަލަތައް ހުރިގޮތަށް ހުރެ މީގެ ގެއްލުން ދަނީ މުޅި ސިނާއަތަށް ކުރަމުންނެވެ.
ބަދަލުވާ އަގު ނުލިބުން މައްސަލައެއް
އިމާރާތް ކުރުމުގެ ސިނާއަތުގެ ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި މަޝްރޫއު ނިމުމުން ސަރުކާރުގެ ތެރެއިން ފައިސާ ލިބުން ދަތިވުމުގެ މައްސަލަ މިހާރު ވެސް އިންތިހާއަށް ބޮޑެވެ.
"ފައިސާ ލިބުމުގައި މައްސަލަ ބޮޑު. މީގައި ހަމައެކަނި އޮތި ފިނޭންސުގެ މައްސަލައެއް ނޫން. ބޮޑަށް ފާހަގަވަނީ މަސައްކަތް ހަވާލު ކުރާ ސަރުކާރުގެ ވުޒާރާގެ ފަރުވާ ކުޑަކަން. އެމީހުން ލިއުންތައް ފުރިހަމަ ނުކުރުމުން ފިނޭންސާ ހަމައަށް ދިއުން ލަސްވޭ. މި މައްސަލަ ބޮޑު،" މެދު ފަންތީގެ ކެޓަގަރީގައި ހިމެނޭ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.
ފައިސާ ނުލިބުމުގެ އިތުރުން އަވަސް އަވަހަށް ބަދަލުވަމުން އަންނަ މުދަލުގެ އަގަށް އަންނަ ބަދަލު އެއްބަސްވުމުގައި ނުހިމެނުމަކީ ވެސް މުޅި ސިނާއަތަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެކެވެ. މި ބަލީގެ ސަބަބުން އިމާރާތް ކުރުމުގެ ސިނާއަތުގެ މަސައްކަތްތައް ލަސް ވެގެން ދެ އެވެ. ހާއްސަކޮށް ދުނިޔޭގެ ބާޒާރުގައި މިހާރު އުޅޭ މުދަލުގެ ޕްރައިސް ފްލެކްޗުއޭޓް ވުމުގެ މައްސަލަ މި ސިނާއަތަށް ބޮޑެވެ.
މި މައްސަލަ ހައްލު ކުރުމަށްޓަކައި އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ މަސީން ސަރުކާރުތަކާއެކު ގިނަ ދުވަހު މަސައްކަތް ކުރި ނަމަވެސް އެކަމަށް ހައްލެއް ނުލިބެ އެވެ. އިމާރާތް ކުރުމުގެ ދާއިރާ ކޮޅަށް ތެދުވެގެން އޮތީ ސަރުކާރުގެ އެހީތެރިކަމުގައި އެ ޕްރޮޖެކްޓްތައް ލިބިގެން ނަމަވެސް މިހާރުގެ ހާލަތުން މި މަސައްކަތް ލިބުނު ނަމަވެސް ފަހުން ކުރިމަތިވާ "ބޮލުގެ ރިހުން" ކުންފުނިތަކަށް ނުހަނު ބޮޑެވެ. ބައެއް ފަހަރު މިކަމުގެ ސަބަބުން ކުންފުނިތަކަށް މަޝްރޫއު ތަކުން ދެކޮޅު ޖައްސަން ވެސް ދަތިތަކާ ކުރިމަތިވެ އެވެ.
"ރާއްޖޭގައި ޑޮލަރު މި ލިބެނީ އެހާ ބޮޑުކޮށް އަނެއްކާ މިހާރު ދުނިޔޭގައި މުދަލުގެ އަގު އިންތިހާ އަށް އަވަސް އަވަހަށް ބަަދަލުވޭ. މިއީ ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް. އެއްބަސްވުންތަކުގައި އަގަށް އަންނަ ބަދަލު ނުހިމެނޭތީ ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވޭ،"
ގައުމުގެ އިގްތިސޯދީ ދުޅަހެޔޮކަން ދަމަހައްޓަށް ބޭނުންނަމަ އިމާރާތް ކުރުމުގެ ދާއިރާ ކޮޅަށް ޖަހަން ޖެހެ އެވެ. މި ސިނާއަތް "ވަރިހަމަ" ކަމަށް ދޫކޮށްލައިގެން ތިބޭނަމަ އިގްތިސޯދު ރަނގަޅުވުން ލަސްވާނެ އެވެ. ޓޫރިޒަމް ރަނގަޅުވާއިރަށް އިގްތިސޯދު ރަނގަޅު ވެއްޖެއެކޭ ބުނެވޭކަން ނެތެވެ. ގިނަ ދިވެހިންނަށް ފައިދާ ލިބޭ އިމާރާތް ކުރުމުގެ ސިނާއަތު ވެސް ކޮޅަށް ނަގަން ޖެހެ އެވެ.