މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ގިނަ ބައެއްގެ ލޯ ހުޅުވައިދިނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުގެ ކުޑަ ކުއްޖެއް މަރުވި ހާދިސާއިންނެވެ. މާލޭގައި ހިންގި މި ނުރައްކާތެރި ހާދިސާވީ މަސައްކަތުގެ މާހައުލުގައި ހުރި ނުރައްކާތެރި މައްސަލަތައް ފެންމަތި ވެގެން ދިޔަ ކަމަކަށެވެ. މި ހާދިސާއާއެކު މި ދާއިރާއާގެ ރައްކާތެރިކަމަށް ގާނޫނެއްގެ މުހިންމުކަމުގެ އަޑު ގަދަވި އެވެ. އެހެންވެ މިފަދަ ހާދިސާތައް މަދު ކުރަން ފިޔަވަޅު ތަކެއް އެޅިތަންވެސް ފެނުނެވެ. އެކަމަކު ދުވަސްކޮޅަކުން މި ފިޔަވަޅުތައް އޮބި މިހާރު މިވަނީ ބޮއްސުންލާފާފަ އެވެ. ސަބަބަކީ މިފަދަ ފިޔަވަޅުތައް އަޅައި ރައްކާތެރިކަން ގެންނަން ލާޒިމް ކުރާނެ "އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ" ގާނޫނެއް ރާއްޖޭގައި ނެތުމެވެ. ގަވައިދަކުން ރައްކާތެރިކަން ލާޒިމް ކުރާ ވަރަށްވުރެ ދާއިރާ ފުޅާވުމެވެ. އެހެންވެ މިއަދާހަމަައަށް ވެސް މަސައްކަތުގެ މާހައުލުގެ ސަލާމަތާ ސިއްހީ ރައްކާތެރިކަން އޮތީ "ބެލެނިވެރި" ގާނޫނެއްގެ ރައްކާތެރިކަން ނެތި އެވެ.
މިއީ ރާއްޖެ އަށް ކިހާ މުހިންމު ގާނޫނެއް ހެއްޔެވެ؟ މި ގާނޫނު ވުޖޫދު ނުވިގެންވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ މި ގާނޫނުން ހަމައެކަނި ރައްކާތެރިކަން ލިބޭނީ އިމާރާތް ކުރުމުގެ ދާއިރާ އެކަނި ހެއްޔެވެ؟
"އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ގާނޫނަކީ ރާއްޖެ އަށް ވަރަށް މުހިންމު ގާނޫނެއް. އަޅުގަނޑުމެންނަށް ރައްކާތެރިކަމަށް ބެލެވޭ ދާއިރާތަކީ [އޮފީސް ފަދަ ތަންތަނަކީ] ވެސް ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ދާއިރާ ތަކެއް. އެހެންވެ މިފަދަ ގާނޫނު މުހިންމު ވަނީ،" އެންމެ ގިނަ ނުރައްކާތެރި ހާދިސާތައް ހިންގާ ކޮންޓްރަކްޝަން ސިނާއަތް، ތަމްސީލް ކުރާ ޖަމިއްޔާ، މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލުގައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލިޔެވިފައިވާ ގާނޫނެއް ރާއްޖޭގައި ނެތުމަކީ މައްސަލަ އެކެވެ. މިފަދަ ގާނޫނެއް ހަމައެކަނި ބޭނުންވަނީ އިމާރާތް ކުރުމުގެ ދާއިރާގައި ހިންގާ ހާދިސާތަކުން ރައްކާތެރިވާން އެކަންޏެއްވެސް ނޫނެވެ. މިފަދަ ގާނޫނެއް މުހިންމުވަނީ ހުރިހާ މަސައްކަތްތަކެއްގެ ރައްކާތެރިކަމަށެވެ.
މިފަދަ ގާނޫނެއް ހެދުމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދާތާ ލައްކަ ދުވަސް ވެއްޖެ އެވެ. މި ފަދަ ގާނޫނެއްގެ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އެކި ލެވަލްގައި ހުރީ ކުރެވިފަ އެވެ. މާހައުލުގެ ސަލާމަތާއި ސިއްހި ރައްކާތެރިކަމުގެ ގާނޫނެއް ހެދުމުގެ މަސައްކަތް ފުރަތަމަ ކުރެވުނީ ޑަބްލިއުއެޗްއޯގެ އެހީގަ ބޭރުގެ ފަންނީ މާހިރުންގެ ބައިވެރިވުމާއެކު އެވެ. މި މަސައްކަތުގެ ބޮޑުބައި ކަރުދާހަށް ގެނެވުނު ނަމަވެސް މިހާތަނަށް މި ގާނޫނު ވުޖޫދުވެފައެއް ނެތެވެ. ގާނޫނަކަށްނުވެ މި މަސައްކަތް އޮތީ އެކި މަރުހަލާތަކުގައި ތާށިވެ ކުރިއަށް ނުގޮހެވެ. ނަމަވެސް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ މި ގާނޫނު ވަރަށް އަވަހަށް ފާސް ވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މި ގާނޫނުގެ ބިލް ވެސް އެންމެ ކުޑަމިނުން މަޖިލީހުގެ ތަޅުމަށްވެސް ގޮސްފައެއް ނުވެ އެވެ. މި ގާނޫނު ލަސް ވަނީ ކީއް ވެގެން ހެއްޔެވެ؟
މިފަދަ ގާނޫނެއް ފާސްނުކުރެވުނު ނަމަވެސް މަސައްކަތުގެ ރައްކާތެރިކަން ހަރުދަނާ ކުރަން ބައެއް ގަވައިދުތައް ހެދިފައިވެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގެ އިސްނެގުމާއެކު މަސީގެ އިސްނެގުމާއެކު މަސައްކަތުގެ ރައްކާތެރިކަމާ ބެހޭ ހާއްސަ ގައިޑްލައިނެއް ނެރެ އެ ކޮންޓްރެކްޓަރުންނަށް ހިއްސާ ކޮށްފައިވެ އެވެ. މިހާލަތަށް ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ކޮންޓްރަކްޝަން ސައިޓުތަކުގައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކުގެ ގައިޑްލައިނެއް ވެސް ހެދި އެވެ. އެކަމަކު މީގެން އެއްވެސް އެއްޗަކީ ސަރުކާރުން މާކަބޮޑު ސަމާލުކަމެއް ދޭ އެއްޗަކަށްނުވި އެވެ. އެހެންވެ، މީގައި ބޭނުން ވަނީ ވަަށައި ޖެހޭ ގާނޫނެވެ. ސުވާލަކީ މި ފަދަ ގާނޫނެއް ނުގެނެވި ލަސް ވަނީ ކީއްވެގެން ހެއްޔެވެ؟
އިމާރާތް ކުރުމުގެ ދާއިރާގެ ކޮންޓްރެކްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ، އަލިހަވާސާ ކުންފުނީގެ ވެރިޔާ އަދުނާން ވިދާޅުވީ މި ފަދަ ގާނޫނަކުން ހަމައެކަނި ރައްކާތެރިކަން ލިބޭނީ ކޮންޓްރެކްޓަރުންނަށް އެކަނި ނޫނެވެ. މި ފަދަ ގާނޫނެއް ގެނެވިއްޖެނަ އޮފީސް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ރައްކާތެރިކަން ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ގާނޫނު ޑްރާފްޓް ކުރަން އަޅުގަނޑު ވެސް ބައިވެރިވިން. އައިއެލްއޯގެ ބެލުމުގެ ދަށުން މި ބިލް ހެދުމުގައި މަސައްކަތް ކުރެވުނު. މި ގާނޫނުގެ ބެލެނިވެރިކަން ހެލްތް މިނިސްޓްރީގެ ދަށަށް ވެސް ގެނެވުނު. އަދި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ވެސް ގެނެވުނު. މި ގާނޫނު ދިރާސާކޮށްފަ، އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި އޮންނަތާ ލައްކަ ދުވަސް ވެއްޖެ،" އަދުނާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ގާނޫނުގެ ބިލަކީ ވަރަށް ޓެކްނިކަލް އެއްޗަކަށްވުމުން ދައުލަތުގެ ނިޒާމުގެ ތެރެއިން މި މަސައްކަތްކުރުމުގައި ދަތިތަކެއް ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ސަރުކާރުގެ ކަންތައް ރޭވިފައި ހުރި ގޮތުން މިއީ މުހިންމުކަން ދޭ ގާނޫނެއް. މި ގާނޫނު މިހާރު ވެސް ލަސްވެއްޖެ. މިއީ ޓެކްނިކަލް މައްސަލަ ތަކެއް ހުރީމަ މިޑްރާފްޓް ބަލައިލަން ވަގުތު ނަގާ ކަމަށް ބެލެވެނީ" އަދުނާން ވިދާޅުވި އެވެ.
މި ގާނޫނުގެ ބިލްގެ މަސައްކަތް މަޖިލީހަށް ފޮނުވަން އެންމެ ބުރަކޮށް މިހާރު މަސައްކަތް ކުރާ އެއް ޖަމިއްޔާއަކީ ޕަބްލިކް ލޯސެންޓަރެވެ. އެ ޖަމިއްޔާ އިން ވަނީ މި ބިލަށް މެންބަރުންގެ ހިޔާލު ވެސް ހޯދާފަ އެވެ. މެންބަރުންނާ ބައްދަލުކޮށް ލޮބީ ކޮށްފައިވެ އެވެ.
މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ޕަބްލިކް ލޯ ސެންޓަރުގެ ބޯޑު މެންބަރު މަރިޔަމް އިނާޝާ ވިދާޅުވީ މި ގާނޫނުގެ ސަބަބުން ލިބޭނެ ޔަގީން ކަމަކީ މަސައްކަތުގެ މާހައުލުގައި ކަމެއް ދިމާވުމުން ކަމެއް ރިޕޯޓް ކުރާނެ ގޮތް އެނގިގެން ދިއުން ކަމަށެވެ.
"ކަމެއް ދިމާވީ ރިޕޯޓް ކުރާނީ ކިހިނެއް ތޯ؟ ޒިންމާވާން ޖެހެނީ ކޮން ފަރާތް ތަކެއް ތޯ؟ ކަމެއް ދިމާވުމުގެ ކުރިން ޕްރިވެންޝަން ނުވަތަ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ފިޔަވަޅު ތަކަކީ ކޮބައިތޯ؟ މީގެ އިތުރުން މި ގާނޫނުގައި އެބައާދެ ގެއްލުމުގެ ބަދަލު ލިބިދޭނެ ގޮތް ވެސް. އެހެންވެ މިއީ މުހިންމު ގާނޫނެއް،" އިނާޝާ ވިދާޅުވި އެވެ.
މި ގާނޫނުން ލިބިގެންދާނެ އެންމެ ބޮޑު ޔަގީން ކަމަކީ މަސައްކަތުގެ މާހައުލުގައި މައްސަލައެއް ދިމާވި ނަމަވެސް ދެން އަމަލު ކުރާނެ ގޮތްތައް އެނގިގެން ދިއުމެވެ. މަސައްކަތް ކުރާ ފަރާތާއި މަސައްކަތް ކުރުވާ ފަރާތުގެ ޒިންމާތައް ސާފުކޮށް ގާނޫނަކުން އެނގިގެން ދިއުމެވެ. ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭނެ ފިޔަވަޅުތައް ސާފުކޮށް އެނގިގެން ދިއުމެވެ. އެކަމަކު ސުވާލަކީ މި ގާނޫނު ލަސްވަނީ ކީއް ވެގެން ހެއްޔެވެ؟