ރިޕޯޓް

މި ވާހަކަ ދައްކާނެ ބަޔަކު ނެތް؟

މާލޭގެ ވިޔަފާރި ބަނދަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސްޓިޑެންޓުގައި ޒަހަމްވި މަޖޫރީގެ ހާލު ވަރަށް ދެރަ އެވެ. އެ މީހާގެ ގިނަ އޮޕަރޭޝަންތަކެއް ވެސް ވަނީކޮށްފަ އެވެ. މިވަގުތުވެސް އޮތީ އައިސީޔޫގައެވެ. އުމުރުން 29 އަހަރުގެ އެ މީހާ ޒަހަމްވީ ކާޕެޓް ރޯލެއް ވެއްޓުނު ވަގުތު އޭގެ ދަށުވެގެނެވެ. އެމްޕީއެލްގައި ހިންގި މި ހާދިސާ މި އައީ ވިޔަފާރި ބަނދަރުގައި ބިއްލޫރި ޕެލެއްޓެއް ދަށުވެ ޗިސް ޗިސްވި މީހަކު މިދިއަ ޖެނުއަރީ މަހުގެ 26 މަރުވެފައި ވަނިކޮށް އަދި އެ ހާދިސާގައި ޒަހަމްވި އިތުރު މީހަކު ގަދަ ނުވެ އޮއްވަ އެވެ.

މިދިޔަ އަހަރުތަކުގައި އެމްޕީއެލްގައި މި ނޫންވެސް ނުރައްކާތެރި އެތަށް ހާދިސާއެއް ހިނގާފައި ވެއެވެ. ބައެއް މީހުން ނުކުޅެދޭ މީހުންވެ އެ ވޭނުގައި ހަޔާތުގެ ދުވަސްތައް ގުނަމުންދާ ކިތަންމެ ބަޔަކު އެބަތިއްބެވެ. އެމްޕީއެލް އެކަންޏެއް ނޫނެވެ. މުޅި ރާއްޖޭގައިވެސް މަސައްކަތުގެ މާހައުލުން މުވައްޒިފުންނަށް ބޮޑެތި އަނިޔާތައް ލިބި މަރުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

އޮކްޓޫބަރު 3، 2019 ގައި ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެގެން ބިދޭސީއަކު މަރުވި އެވެ. އެއީ ސަން ޝިޔާމް ކުންފުނިން ރިސޯޓެއް ގޮތަށް ތަރައްގީ ކުރާ ނ. ދިގުރަށުގައި ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެގެނެވެ. އުމުރުން އެންމެ 25 އަހަރުގެ ޒުވާނެކެވެ. އޮކްޓޫބަރު 8، 2019 ގައި ވީއައިއޭގައި ހަދަމުންދާ އާ ކާގޯ ޓާމިނަލް އިމާރާތުން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތައް ލިބުނެވެ. އެއީ ބަންގްލަދޭޝްގެ 27 އަހަރުގެ ރައްޔިތެކެވެ. ނޮވެމްބަރު 21، 2019 ގައި މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތައް ވިއެވެ. ޖުލައި 22، 2020 ގައި ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރީން ބިދޭސީއަކު ވެއްޓި މަރުވި އެވެ. ޖޫން 10، 2019 ގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މީހަކު މަރުވިއެވެ. ސިމެންތި ބަސްތާ ވެއްޓުމުގެ ސަބަބުން މަރުވެފައިވަނީ އެ އިމާރާތްކުރުމުގައި މަސައްކަތް ކުރާ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ހަދަމުންދިޔަ އިމާރާތަކުން ކުއްޖެއްގެ ބޮލަށް ސިމިންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވި މަރުވި ހަބަރަކީ 2018 ވަނަ އަހަރު މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. ޑިސެންބަރު 17، 2018 ގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ބަންގަލަދޭޝް ކުއްޖެއްކަމަށްވާ، ރައުޝާން ޖީއާންއެވެ.

މިފަދަ ކިތަންމެ ހާދިސާއެއް މިދިޔަ ދެތިން އަހަރު ހިނގާފައިވެއެވެ. ނަމަވެސް އެކަންކަމާއި ގުޅިގެން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައެއް ނެތެވެ. ހާދިސާއެއް ހިނގާތާ ދެތިން ދުވަސް ފަހުން އެ ކަމެއް މުޅީން ހަނދާން ނެތެވެ. ސިޔާސީ ބޭފުޅުންގެ ނަޒަރެއް މިފަދަ މައްސަލަތަކަކަށް ނުހުއްޓެވެ. ބައެއް ހާދިސާތައް ބޭރަށް ނެރެ އެފަދަ މައްސަލަތައް ސޯޝަލް މީޑިއާގައި ހޫނުކޮށްލާ ފަހަރު ދެއެވެ. އާންމުން އެކަން ކުރިނަމަވެސް ގިނަ ފަހަރަށް އެ ވާހަކަތައް ހުއްޓެނީ ކޮންމެވެސް ބާރުގަދަ ބައެއްގެ ބާރުންނެވެ.

ޖިޔާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށްވެސް އެ މައްސަލަ ހުށައެޅުނެވެ. ނަމަވެސް މަޖިލީހުގައި ބަހުސް ކޮށްލާނެ މެންބަރަކުވެސް ނުވިއެވެ. ހުޝާމަދު ކުރުމާއި މޮޅު ވާހަކަތަކަށް ކިތަންމެ ދޫފަރިތަ ނަމަވެސް މެންބަރުންނަށް އެ މައުލޫގައި ދައްކާނެ ވާހަކައެއް ނެތީއެވެ. ނޫނީ އެއީ އެ މެންބަރުންނަށް މުހިންމު ކަމަކަށް ނުވަނީއެވެ. އެއީ އެ މެންބަރުންގެ ކަންބޮޑުވުން އޮތް ކަމަކަށް ނުވަނީއެވެ.

އެމްޕީއެލްގައި ކައިރިކައިރީ ނުރައްކާތެރި ދެ ހާދިސާ ހިނގާފައިވާއިރު އެ ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި ފަހުން ހިނގި ހާދިސާއާ ގުޅިގެން އަނިޔާވި މުވައްޒިފު ނިސްބަތްވާ ކުންފުނި ސަސްޕެންޑްކޮށް ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒިފުންވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ ހާދިސާގައި އެއްވެސް ބައެއް އިހުމާލު އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ. އަނިޔާވި މީހަކީ މިނާ އިންވެސްޓްމަންޓް ގްރޫޕުގައި މަސައްކަތް ކުރާ މީހެކެވެ.

މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާފައެވެ. މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް އެ މައްސަލަ ހުށައެޅީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ. އޭނާ ވިދާޅުވީ "ގުރާބު ތުނޑި" އޮޕަރޭޓްކުރި އުސޫލުން އެމްޕީއެލް ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެތަށް ބައެއްގެ ފުރާނަ ގެއްލޭއިރު އެކަންކަމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު ނޭޅި މައްސަލަ ހައްލުނުވެ އޮވެގެން ނުވާނެ ކަމަށެވެ.

ބޮންޑެ އެ ވިދާޅުވީ ކަން ވާންވީ ގޮތެވެ. ނަމަވެސް އެއީ ކަން ހިނގާ ގޮތެވެ. "ގުރާބު ތުނޑި" އޮޕަރޭޓްކުރި އުސޫލުން ހިންގިޔަސް ފިޔަވަޅު ނޭޅެނީ ކޮންމެވެސް ބާރުގަދަ ބައެއްގެ ނުފޫޒުންނެވެ. ދެތިން މެންބަރަކު އެ ވާހަކަ ދެއްކެވިއަސް އެއަށް ވުރެ މާ ގިނަ މެންބަރުން ފަހަތުގައި ތިބެ އެ ވާހަކަތައް އޮއްބާލައެވެ. ނުވަތަ ފިޔަވަޅު އެޅެން އޮތް މަގުތަކަށް ހުރަސް އަޅައެވެ.

އެމްޕީއެލްގައި ނުރައްކާތެރި ހާދިސާތައް ތަކުރާރުކޮށް ހިނގާއިރު އެ ހާދިސާތައް ހިނގަން މެދުވެރިވާ ފަރުވާ ކުޑަ އަމަލުގެ ވާހަކަ ތިލައެއް ނުވެއެވެ. އެތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތުގެ ޔަގީން ކަމެއް ނުދެއެވެ. އެކަން ޔަގީން ކުރަން އަދި ފަރުވާ ކުޑަ އަމަލުތަކުގެ ތަފްސީލް ދެނެގަންނަން އެމްޕީއެލްގެ އޮޕަރޭޝަން އޮޑިޓް ކުރަން ޖެހެއެވެ. އެ ތަނުގައި ސަލާމަތީ ކަންކަން އޮތްގޮތް ވަޒަން ކުރަން ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރަން ޖެހެއެވެ.

މީގެ އިތުރުން އިމާރާތް ކރުމުގެ ދާއިރާއާ އެ ނޫންވެސް ދާއިރާތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެސެސްމަންޓް ހަދަން ޖެހެއެވެ. ކުރީން ފާހަގަކުރި ބަންގުލަދޭޝްގެ ތުއްތު ކުއްޖާގެ މަރާއެކު އިމާރާތް ކުރާ ހުރިހާ ސައިޓްތަކެއްގެ މަސައްކަތް ހުއްޓުވިއެވެ. އެ ތަންތަނުގައި ސަލާމަތީ މިންގަނޑުތައް ހުރި ގޮތް ބެލުމަށް ހާއްސަ އިސްޕެކްޝަނެއް ފެށިއެވެ. އެ މަސައްކަތުގެ ދަށުން އިމާރާތް ކުރާ ތަންތަނުގެ ހާލަތު ދެނެގަތެވެ.

ނަމަވެސް އެކަންކަން ގަވާއިދުން ހިނގަމުން ނުދެއެވެ. އިންސްޕެކްޝަން ހުއްޓުމާއެކު ކުރީން އޮތް ހާލަތަށް ކަންކަން ބަދަލުވެއެވެ. މިހާރުވެސް ނިކުމެ ބަލާށެވެ. ސައިޓްތަކުގައި ހާލަތު އޮންނާނީ ކުރީންވެސް އޮތް ގޮތަށެވެ. ރައްކާތެރިކަމެއް ނެތި އުސް އިމާރާތްތަކުގައި ބިދޭސީން އެ އުޅޭ ގޮތް މާލޭގެ ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް އެ ހުރީ ފެންނާށެވެ. އެކަންކަން ހުއްޓުވާނެ ބަޔަކު ނެތެވެ. ކޮންމެ ދުވަހަކުހެން ރައްކާތެރިކަމެއް ނެތި އުސް އިމާރާތްތަކުގައި ކުލަލާ، ސިމެންތި ޖަހާ، ރޭނުމުގެ މަސައްކަތުގައި ބިދޭސީން އުޅޭ މަންޒަރުގެ ފޮޓޯތައް ފެނެއެވެ.

މިއީ ހުއްޓުވަން ޖެހޭ ކަމެކެވެ. އެތަށް ބައެއްގެ ފުރާނަ މިހާރުވެސް ގެއްލި ހިނގައްޖެ އެވެ. މިހާރުން މިހާރަށް ފިޔަވަޅު އަޅާ މަސައްކަތް ކުރާ ކޮންމެ ތަނެއްގަައި ސަލާމަތީ މިންގަނޑުތައް އެންމެ ފުރިހަމައަށް ހުރިތޯ ޔަގީން ކުރަން ޖެހެއެވެ. އެކަންކަން އެހެން ކުރެވިއްޖެނަމަ ކިތަންމެ ފުރާނައަކަށް ރައްކާތެރިކަން ހޯދުނީއެވެ. ނުކުޅެދުންތެރިކަމަށް ހުށައެޅޭ މީހުންގެ އަދަދު މަދު ކުރެވޭނެ އެވެ. އާއިލާތަކަށް ލިބިދާނެ ހިތާމަތަކަކުން ސަލާމަތް ވީއެވެ.