ރައްޔިތުންގެ މަޖިލިސް

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލް ތައާރަފްކޮށް މަޖިލީހަށް ބިލް ވަނީ ހުށަހަޅާފަ އެވެ.

ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްދެވޭ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ކަމަށެވެ.

އެ ގޮތުން މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އަދި މަސައްކަތު މާހައުލުގައި މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލުދެވޭނެ ނިޒާމެއް ކަނޑައެޅުން ހިމެނެ އެވެ.

ބިލުގައިވާ ގޮތުން ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ. އެގޮތުން ބިލު ގާނޫނަކަށް ވެއްޖެނަމަ އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި 13 މެންބަރުންގެ ކައުންސިލެއް އުފައްދަން ޖެހެ އެވެ.

އެ ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ މިނިސްޓަރަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުން ހިމެނެ އެވެ.

ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި މިނިސްޓަރަށް ލަފާ ދިނުމާއި މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން ހިމެނެ އެވެ.

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް ހާނީއްކައެއް ނުވަތަ އަނިޔާއެއް ވެއްޖެނަމަ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް ނުވަތަ ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނެ ވަސީލަތްތައް އިތުރު އަގެއް ނެގުމަކާ ނުލައި މަސައްކަތްތެރިންނަށް ހަމަޖައްސައިދޭން ވާނެ ކަމަށް ހިމަނާފައިވެ އެވެ.

ގާނޫނުގެ ދަށުން ހަދާ އެއްވެސް ސެޓްފިކެޓެއްގެ ސައްހަ ނޫން ކޮޕީއެއް ހަދައިފިނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 5،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެއިތުރުން ގާނޫނާ ހިލާފުވާ ފަރާތްތައް ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 1،000 ރުފިޔާ އާއި 25،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގާނޫނާ ހިލާފުވާ ފަރާތްތަކުން އެކުރި އަމަލެއް ކުރުންމަތީ ދެމިހުރެއްޖެނަމަ ކުށްކުރުމުގައި ދެމިހުރި މުއްދަތަށް ދުވާލަކަށް 5،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހިމަނާފަ އެވެ.