ރައްޔިތުންގެ މަޖިލިސް

މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ބިލުގެ ބަހުސް ފަށައިފި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ. މި ބިލް މަޖިލީހަށް ހުށަހަޅާ ފުރަތަމަ ކިޔުން އޮތީ ނޮވެމްބަރު 15، 2022 ގަ އެވެ.

ސަރުކާރުން މި ބިލް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ މަސައްކަތްތެރިން މަސައްކަތް ކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި، މަސައްކަތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެެރިވާ އެހެން ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްދެވޭ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށްދިނުމެވެ.

މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާއި ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދޭނެ ނިޒާމެއް މި ބިލް ފާސް ވުމުން ގާއިމު ކުރެވޭނެ އެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ލިބޭ އަނިޔާއާއި ގެއްލުންތަކަށް ބަދަލުދެވޭނެ ނިޒާމެއްވެސް މި ބިލް ފާސްވުމާއެކު ގާއިމު ވެގެން ދާނެ އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ ބަހުސް މިއަދު ފަށާފައިވާ އިރު މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލާފައިވަނީ ބަހުސް ކުރާނެ މެންބަރެއް ނެތުމުންނެވެ.